ޕާކިސްތާންގެ ޖާސޫސީ އިދާރާގެ ވެރިޔާ ލެފްޓިނެންޓް ޖެނެރަލް ފާއިޒް ޙަމީދު ކާބުލްއަށް ވަޑައިގެންފިއެވެ. އޭނާ ކާބުލްއަށް ވަޑައިގަތީ ތާލިބާންގެ ދައުވަތަކަށް ދެގައުމުގެ ދެމެދުގެ ގުޅުމާ ބެހޭ މަޝްވަރާތައް ބާއްވަން ކަމަށް ޕާކިސްތާން ނޫސްވެރިން ބުނެއެވެ.

ޕާކިސްތާނަށް އެންމެ މުހިންމީ އަފްޣާނިސްތާންގެ ހަމަޖެހުން ކަމަށް ހަމީދްއާ ޙަވާލާދީ ރޭޑިއޯ އަފްޣާން އިން ބުނެއެވެ.

ލެފްޓިނެންޓް ޖެނެރަލް ފާއިޒް ޙަމީދުގެ އަރިހު ޕާކިސްތާންގެ މަސްއޫލުވެރިންގެ ވަފްދެއްވެސް ވަޑައިގަތެވެ. ތާލިބުން އުފެއްދުމާއި އެމީހުންނަށް ވާގިވެރިވުމުގައި ޕާކިސްތާންގެ ޖާސޫސީ އިދާރާއިން އަބަދުވެސް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވެއެވެ.

އިންޑިއާގެ ފޮރިން ސެކްރެޓެރީ ހަރްޝްވަރްދަން ޝްރިންގްލާ ހުކުރު ދުވަހު ވޮޝިންޓަނުގައި ވިދާޅުވެފައި ވަނީ ތާލިބާނަކީ ޕާކިސްތާންގެ އުފެއްދުމެއް ކަމަށެވެ. އަފްޣާނިސްތާންގެ ސަރުކާރު ވައްޓާލުމަށް ތާލިބާނުންނަށް މަދަދު ދީފައި ވަނީ ޕާކިސްތާނުން ކަމަށް މުހައްލިލުން ބުނެއެވެ.