މާލެސިޓީ މާފަންނު އަވަށު މަރުދާނު ގެއިން ހަރުފައެއް ފެނިއްޖެއެވެ. މި ޚަބަރު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔުއަށް ލިބުމުން އެ ތަނުން ވަނީ އެގެއަށް ގޮސް ހަރުފަ ހިފައިފައެވެ. ހަރުފަ މީހާރުވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ހަރުފަ ފެނުނު ޚަބަރު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 3:33 ގައެވެ.

ހަރުފަޔާ ބެހޭ މައުލޫމާތު ދަންނަ ބައެއް މީހުން ބުނާ ގޮތުގައި މިއީ ވިހަލާ ޒާތުގެ ނުރައްކާތެރި އެއްޗެއް ނޫނެވެ. އެހެންނަމަވެސް ރާއްޖޭގައި ނޫޅޭ މިޒާތުގެ އެއްޗެއް އާންމުން ދިރިއުޅޭ ގެއަކުން ފެނުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. ރާއްޖެއަށް ހަރުފަ އެތެރެކުރުމާއި ގެންގުޅުމަކީ މަނާ ކަމެކެވެ. އެހެން ކަމުން މިއީ އިތުރަށް ސަމާލުވާންޖެހޭ ކަމެކެވެ.

މިއަހަރުގެ ޖޫންމަހު ވެސް ވަނީ މާފަންނު ގަދަނަކުން ހަރުފައެއް ފެނިފައެވެ. އެ ވެސް އަތުލައިގެންފައިވަނީ ސިފައިންނެވެ.