މުސްލިމު އުންމަތް މިއަދު އަނެއްކާވެސް ހަތަރު އަނގޮޅިއެއްގައި އޮތްކަމަށް ގިނަ ތަހުލީލުތަކުގައި ދަނީ ބުނަމުންނެވެ. މުސްލިމު އުންމަތުގެ ގައުމުތަކާއި ޖަމާއަތްތަކާއި ފަރުދުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ތިން ފަރާތުންވެސް މަސައްކަތް ކުރަމުން ދަނީ އެމީހުން ދެކޭ ގޮތް އުންމަތުގެ މީހުންނަށް ދައްކައި އެމީހުންނަށް އިސްދައުރެއް ލިބޭތޯއެވެ.

މިތިނެސްކަން ކޯޅުމާއި ގުޅުމުގައި ތިބި ފަރާތްތަކަކީ، އުންމަތުގެ ޒައާމަތަށް ވާދަކުރަމުންދާ ދެ ބައެކެވެ. އަދި ތިން ވަނަ ބަޔަކީ، އުންމަތުގެ ގައުމުތަކުގެ ވެރިކަން ވައްޓާލައި ވެރިކަން ލިބޭތޯ މަސައްކަތް ކުރަމުންދާ ޖަމާއަތެކެވެ.

މިދިޔަ މަދު ދުވަސްކޮޅުގައި ފެނިގެން ދިޔަ ބައެއް ހަދިސާތަކުން އުފެދޭ ސުއާލުތަކަކީ، ސައޫދީ އަރަބިއްޔާއަށް ވަފާތެރިކަމާއެކު މިއޮތް ހާދުވަހު އޮތް އެންމެ ގާތް ރަހުމަތްތެރިޔާ ސައޫދީން ދޫކޮށްލީ ހެއްޔެވެ؟ އިމަރާތުން އިޒްރޭލާއެކު އުފައްދަން މަސައްކަތް ކުރާ ގުޅުމުން އުންމަތުގެ މީހުންގެ ޝުއޫރަށް ނުބަލަނީ ހެއްޔެވެ؟

ސައޫދީއާއި ޖުމުލަ ގޮތކަށް ގަލްފްގެ ގައުމުތަކުގެ ބަދަލުވަމުންދާ ސިޔާސަތަށް ބަލާއިރު ދެތިން ކަމެއް ސަމާލުކަމަށް އާދެއެވެ.

ދުނިޔޭގެ ހީނަރުވަމުންދާ އިގްތިސާދީ ހާލަތާއެކު މިގައުމުތަކުގެ އެތެރޭގެ ހާލަތަށްވެސް ދަނީ ބަދަލު އަންނަމުންނެވެ. އިގްތިސާދީ ފުދުންތެރިކަން އިތުރުކުރުމަށް ގަލްފްގެ ގައުމުތަކުގައި ރައްޔިތުން ދަނީ ހުވަފެންތައް ދެކެމުންނެވެ. ކަންކަމަށް އެދެމުންނެވެ. ޒުވާން އާބާދީން ދަނީ ފުރުސަތަށް އެދެމުންނެވެ. ވެރިންނަށް މަޖުބޫރުވެފައިވަނީ އައު ވިސްނުމަކުން ކަންކަމާމެދު ވިސްނާށެވެ. މީހުންގެ އެދުންތައް އިތުރުވެފައި، މީސް ގިނަ ވެފައިވާ އިރު ކުރިން ލިބުނުފަދަ ޕެޓްރޯލް ޑޮލަރުގެ މުއްސަނދިކަމެއް މިހާރަކު މަލަމަތިން ފެންނާކަށެއްވެސް ނެތެވެ.

ސައޫދީ އަރަބިއްޔާއާއި ގަލްފުގެ އަރަބިން ޒަމާންތަކެއް ވަންދެން އެމީހުން އިސްލާމީ ދުނިޔޭގެ އިސްދައުރެއް އަދާކުރުމަށް ކޮށްފައިވާ މަސައްކަތް މިހާރު ދޫކޮށްލާނެ ހެއްޔެވެ؟

މިފަދަ ބޮޑު ބަދަލަކަށް މިގައުމުތަކުން އެނބުރިގެން ހިނގައިދާނެ ކަމަކަށް ނުބެލެވެއެވެ. ގަލްފްގެ ގައުމުތަކުން އުންމަތުގެ ލީޑަރޝިޕް ދައުރު އަދާކުރަމުން ދިޔައީ އޭގެތެރޭގައި ދެ ބައެއް ހިމަނައިގެންނެވެ.

އެއިން އެއް ބަޔަކީ، އޯއައިސީ މެދުވެރިކޮށް ގަލްފްގެ އަރަބިން ޚާއްސަކޮށް، ސައޫދީ އަރަބިއްޔާއިން ކުޅެމުން ދިޔަ ރޯލެވެ. އިސްލާމީ އުންމަތަށް އަރަބިންގެ މުއްސަނދިކަމާއެކު ދައްކަމުން ދިޔަ މަތިވެރިކަމެވެ.

ދެވަނަ ކަމަކީ، ވައްހާބީ އިސްލާމް ފެތުރުމަށްޓަކައި އަދާކުރަމުން ދިޔަ ދައުރެވެ. މިއިން އެއްވެސް ކަމެއް މިއިން ފަރަތަކުން މުޅިން ހުއްޓާލާނެކަމަކަށް ނުބެލެވެއެވެ.

ފަނޑުވެގެންދާނެ އެއްކަމެއް ފާހަގަ ކޮށްލާނަމެވެ. ސައޫދީން އުފެއްދި އިސްލާމީ ގައުމުތަކުގެ މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޮއެލިޝަންއަކީ އޭގައި ދިރުމެއް ހުންނާނެ އެއްޗެއްކަމުގައި ނުބެލެވެއެވެ. މިކޮއެލިޝަންއަކީ ސައޫދީ ވަލީ އަހްމދު ބިން ސަލްމާންގެ ޚާއްސަ އެދުމަކަށް އުފެއްދި ކޮއެލިޝަނަކަށްވެފައި މީގެ ފޯކަސް ހަނިވެފައި ވުމަކީ ސަބަބެކެވެ.

މުސްލިމު އުންމަތުގެ ޒައާމަތީ ދައުރެއް ހޯދުމަށް ސައޫދީއާ ވާދަކުރާ އެހެން ގައުމެއް ނުވަތަ އެގައުމާ ވާގިވެރިވާ އެހެން ގައުމުތަކެއްވެސް ވެއެވެ. މި ދެ ބައި މީހުން އެއް ބަޔަކު އަނެއް ބަޔަކަށް ހުތުރުނަމުން ގޮވެލިތައް ގޮވައި، ހަދައެވެ.

ސައޫދީއާއި ސައޫދީއަށް ތާއީދު ކުރާ އިމާރާތއި މިސްރުފަދަ ގައުމުތަކުން ބުނާ ގޮތުގައި ތުރުކީން އިސްވެ އޮވެގެން ޤަތަރުގެ ވާގިވެރިކަމާއެކު ނަގާކިޔާ ބްލޮކަކީ، އިސްލާމިކް ބްރަދަ ހޫޑަށް ވާގިވެރިވާ އިސްލާމީ ފަންޑަމެންޓަލިސްޓް ފިކުރު ފެތުރުމަށް މަސައްކަތް ކުރާ ޖަމާއަތެކެވެ. ސައޫދީ އަރަބިއްޔާއާ ދެކޮޅުހެދުމަށް، އީރާންވެސް ހިމެނެނީ މި ދެ ގައުމާއެކުގައެވެ.

ތުރުކީއާއި ޤަތަރުގެ ޖަމާއަތުން ބުނަނީ ސައޫދީ އިމާތާރުގެ ޖަމާއަތަކީ ވައްހާބީ އުސޫލު ފަތުރަން މަސައްކަތް ކުރާ އެކަމަށް ހޭދަކުރާ ޖަމާއަތެއް ކަމުގައެވެ.

ތުރުކީއާއި ޤަތަރާއި އީރާނާއި އެކު ޕާކިސްތާން ވެސް މި ޖަމާއަތުގައި ހިމެނެއެވެ. އަދި މެލޭޝިއާއިންވެސް ވަނީ މަހާތީރު ބޮޑުވަޒީރަކަށް ހުންނެވިއިރު މިއަށް ވާގިވެރިވެފައެވެ.

މި ދެބައި މީހުންވެސް މަސައްކަތް ކުރަނީ އޯއައިސީގައި ސައޫދީއާއި ސައޫދީއަށް ވާގިވެރިވާ ގައުމުތަކުގެ ބަދަލުގައި މިމީހުންނަށް އިސްދައުރެއް ލިބޭތޯއެވެ.

އިސްލާމީ އުންމަތުގެ މުސްތަގްބަލުގެ ލީޑާޝިޕް ރޯލަށް ވާދަކުރާ މި ދެ ފިކުރުގެ ގައުމުތައް ފިޔަވައި ދެން އޮތް ތިންވަނަ ބަޔަކީ، ރަސްމީ ސިފައެއް ނެތް އަދި ދައުލަތެއް ނުވަތަ ދައުލަތުގެ މުއައްސަސާއެއް ތަމްސީލުކުރާ ފަރާތެއް ނޫނެވެ. މިމީހުންނަށް ބާރު ލިބެނީ ދީނުގެ ނަމުގައި ދައްކާ ވާހަކަތަކުން ރައްޔިތުން މިމީހުންނަށް ބަހައްޓާ ލޯއްބާއި ރުހުމާއި އިތުބާރުން ހޯދާ ބާރެކެވެ. އަދި ދީނުގެ ނަމުގައި ވާހަކަ ދައްކާނީ މިމީހުން ކަމަށް ދައްކައިގެން، އަމިއްލަ ހައިސިއްޔަތެއް ހޯދައިގެން އުޅޭ ބައެކެވެ.

މިމީހުންގެ އެޖެންޑާ ލިމިޓްވެފައި އޮންނަނީ ދެތިން ކަމެއްގެ މައްޗަށެވެ. އިޒްރޭލާއި ޔަހޫދީންނާ ގުޅުން ގާއިމް ކުރުމަކީ މުސްލިމު އުންމަތަށާއި ފަލަސްތީނަށް ޚިޔާނާތްތެރި ވުމެކެވެ. ފަލަސްތީން މިނިވަން ކުރަން ޖެހޭނެއެވެ. އަދި ވެރިކަމުގައި ތިބޭނީ ޚާއިނުންނާއި ލާދީނީ މީހުންކަމަށް ދައްކައި ރައްޔިތުންގެ މެދުގައި ދައުލަތް ތަމްސީލުކުރާ މީހުންގެ ޝަރުއިއްޔަތު ނަގާލުމަށް މަސައްކަތް ކުރުމެވެ. މިނިވަންކަމާއި ހައްގުތަކުގެ އުސޫލުތަކަށް އެއްބަސްވެފައިވާ ޑިމޮކްރެސީގެ ނިޒާމު ފުނޑުފުނޑުކޮށްލުމެވެ.

މުސްލިމު އުންމަތް މިތިން ބައިމީހުންގެ ވާދަވެރިކަމުގައި އޮތް އިރު އެންމެންގެ ވެސް މަރުކަޒީ ޝިއާރަކީ އިސްލާމްދީން ނަގަހައްޓައި އިސްލާމް ދީން ދިފާއު ކުރުމެވެ. ކޮންމެ ބައެއްގެ ފުށުންވެސް ފުރުސަތު ލިބޭ ކޮންމެ ހިނދެއްގައި އެމީހުންގެ އަސާސީ އުސޫލުތަކާ ފުށުއަރާ ކަންތައްތައް ފެނިގެން ދެއެވެ.

މިސާލަކަށް ތުރުކީއަށް ބަލާލަމާ ހެއްޔެވެ! ތުރުކީއަކީ އިމާރާތުން އިޒްރޭލާ އުފައްދަން އުޅޭ ގުޅުމަށް ފާޅުގައި އެންމެ ބޮޑަށް ކިޔާ ގައުމެވެ.

އިސްލާމީ ގައުމުތަކުގެ ތެރޭން އިޒްރޭލާއެކު އެންމެ ފުޅާދާއިރާއެއްގައި ވިޔަފާރީގެ މުއާމަލާތް ހިންގަނީ ތުރުކީންނެވެ. އަދި އެންމެ ގިނަ ފަތުރުވެރިކަމާއި ދަތުރުތައްވެސް ބާއްވަނީ ތުރުކީންނެވެ.

ތުރުކީގެ ރައީސް، އާޔާސޯފިޔާގެ ކުރީގެ ފައްޅި މިހާރު މިސްކިތަކަށް ބަދަލުކުރުމުގެ އަމަލަކީ، ދީނީ މަސައްކަތަށްވުރެން ބޮޑަށް ސިޔާސީ މަސައްކަތެކެވެ. އަހަރުތަކެއް ވަންދެން ޔޫރަޕްގެ އިއްތިހާދަށް ވަނުމަށް ތުރުކީވިލާތުން ކުރިމަސައްކަތް ކާމިޔާބު ނުވުމުން ތުރުކީން ޔޫރަޕަށް ދައްކައި ދިނީ ތުރުކީއަކީ ޔޫރަޕުން ބާކީ ކޮށްލައިފިނަމަ، ޔޫރަޕުންވެސް އެކަމާ މެދު ދެވަނަ ވިސްނުމަކަށް ދާން ޖެހޭނެ ފަދަ ގައުމެއްގެ ގޮތުގައެވެ.

މުސްލިމު އުންމަތް މިތިން ބައި މީހުންގެ މެދުގައި ދެންވެސް އޮންނާނީ ބައިބައި ވެފައެވެ. ވަކިވަކި ގައުމުތަކަށް މިފަދަ ވާދަވެރިކަމަކުން ސަލާމަތް ވާނީ ކޮންމެ ގައުމަކުން އެބައެއްގެ އަމިއްލަ މަސްލަހަތަށް މަސައްކަތް ކުރުމުންނެވެ.