ށ. ފޭދޫގައި ފާނަބަސަންދު ފެތުރޭތީ ސަމާލުވާން އަންގައިފިއެވެ.

ފޭދޫ ހެލްތް ސެންޓަރުން ބުނީ އެ މަރުކަޒުގެ އޯޕީޑީއަށް ދައްކަމުންދާ ބަލިމީހުންގެ ރެކޯޑްތަކަށް ބަލާއިރު ވޭތުވެދިޔަ ދެ ހަފްތާތެރޭ ފާނަބަސަނދު ޖެހިގެން 2 މީހަކު މި މަރުކަޒަށް ދައްކާފައިވާކަމަށެވެ.

މި ބައްޔަކީ ވައިރަސް އެއްގެ ސަބަބުން ޖެހޭ ވަރަށް ފަސޭހައިން ގައިންގަޔަށްއަރާ ބައްޔެކެވެ. ފާނަ ބަސަނދު ޖެހިފައިވާ މީހަކު ކެއްސައި ކިނބިހިއެޅުމުގެ ތެރޭގައި، ވައިގެ ތެރެއަށް ވައިރަސްތައް ބޭރުވެގެން ދެއެވެ. އަދި ނޭވާލުމުގެ ޒަރީޢާއިން ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް އެވައިރަސް ވާޞިލްވެއްޖެނަމަ، އެމީހަކަށް ބަލިޖައްސުވައެވެ.

ފާނަ ބަސަނދު ޖައްސާ ވައިރަސް އިން އަތް ތަޣައްޔަރުވެފައި ހުއްޓައި، އެއަތް ނުދޮވެ، އަނގަ، ލޯ، އަދި ނޭފަތުގައި ޖައްސައިފިނަމަ ވެސް ފާނަ ބަސަނދު ޖެހިދާނެ އެވެ. މީގެ އިތުރުން ފާނަ ބަސަނދާއި ގުޅިގެން ނަގާފޮޅުތައް ފެޅި އެއިން ބޭރުވާ ދިޔައިގައި، ނުވަތަ ފެޅުމުން އުފެދޭ ފާރުކޮޅުގައި ބީހުމަކީ ވެސް ސަލާމަތުން ހުރި މީހާއަށް ފާނަ ބަސަނދު ޖައްސުވާ ކަމަށާއި މިފަދަ ބަލި މީހުން އެއްރަށުން އަނެއްރަށަށް ދަތުރުކުރުމާއި އާމުންގެ ތެރޭ ނުކުމެ އުޅުމަކީ އެކަމުގެ ސަބަބުން ގިނަބަޔަކަށް ބަލި ފެތުރުމަށް މަގުފަހިވެގެންދާނެކަމެއް ކަމަށް ހެލްތް ސެންޓަރުން މަޢުލޫމާތުދެއެެވެ.

ބަލި ޖެހިފައިވާ މީހެއްގެ ފަރާތުން ފެންނާނެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ބޮލުގައި ރިއްސުން، ބޯއެނބުރުން، ވަރުބަލިވުން، ކަރުތެރެ ފާރުވެ، ހަލާކުވުން، އަދި ކާހިތްނުވުން ފަދަ އަލާމާތްތައް ހިމެނެއެވެ. ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު މިއުދަނގޫތައް މެދުވެރިވުމަށް 16-12 ދުވަހާއި ދެމެދުގެ މުއްދަތެއް ނަގައެވެ.

ފޭދޫ ހެލްތް ސެންޓްރުން ބުނީ މިފަދަ އަލާމާތްތަކެއް ފެންނަނަމަ ޑޮކްޓަރަށްދައްކާ ކަންތައްތައް ކުރައްވީގޮތް އޮޅުންފިލުވަންވާނެ ކަމަށެވެ. އަދި އާއްމު ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި މިފަދަ ބަލި މީހުން އެއްރަށުން އަނެއްރަށަށް ނުދިއުމަށާއި އާމުންގެތެރޭ ނުކުމެ ނޫޅެ އެކަހެރިވުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.