ހއ. ދިއްދޫ ފެރީ ޓާރމިނަލް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ފައުންޑޭޝަން ފޫޓިންގ މަސައްކަތްތަކުގެ 70 ޕަސެންޓް ނިމިއްޖެ އެވެ.

ހއ. ދިއްދޫ ފެރީ ޓާރމިނަލަކީ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްޤީ ކުރެވޭ ޓާރމިނަލެކެވެ.

"އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ މަޤްސަދަކީ ދިވެހިރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމެވެ.

މި މަޝްރޫޢު ތަންފީޒު ކުރެވޭނީ 3 ފިޔަވައްސެއްގެ ދަށުން ނެވެ. އަދި ފުރަތަމަ ފިޔަވަހީގެ ދަށުން ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގައި ފެރީ ޓާރމިނަލް ތަރައްޤީ ކުރެވިގެންދާނެ އެވެ.

މި ފެރީ ނިޒާމުން ލުއިފަސޭހަ އަވަސް ޚިދުމަތެއް ދަތުރުކުރާ ފަރާތްތަކަށް ފޯރުކޮށްދޭނެ އެވެ. އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން، ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ގުޅުވާލާ، އެ ރައްޔިތުންނަށް ބޭނުންވާ ޙިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދޭނެ އެވެ.

އެކަމުން ރާއްޖޭގެ އިޤްތިސާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ކުރިއެރުންތަކެއް ލިބި، ސަރަޙައްދީ ގޮތުން ރައްތަކަށް ތަރައްޤީ ލިބިގެންދާނެ އެވެ.