ހއ. ހޯރަފުށީގައި ހަދާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އާ އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ.

އެކަމަށްޓަކައި އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އޮފީސް އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި އެ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ހޯރަފުށީ ސަލީމް) އެވެ. ރަސްމިއްޔާތުގައި އެރަށު ކައުންސިލުގެ މެންބަރުންނާއި ސަރުކާރުގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

ފެނަކައިން ބުނީ، ހޯރަފުށީގައި ހަދާ ފެނަކައިގެ އާ އޮފީސް އިމާރާތަކީ މުވައްޒަފުންނަށް އެކަށީގެންވާ މަސައްކަތުގެ މާހައުލެއް ހޯދައި ދިނުމަށް އިސްކަން ދީގެން ހަދާ ތަނެއް ކަމަސެވެ. އަދި މަސައްކަތުގެ މާހައުލެއްގައި ހުންނަން ޖެހޭނެ ސިއްހީ އަދި ސަލާމަތީ ހަމަތަކަށްވެސް އިސްކަން ދީފައިވާނެ ކަމަށް ބުންޏެވެ.

އާ އޮފީސް އިމާރާތުގެ މަސައްކަތް ނިމުމުން، މިހާރު ބޭނުންކުރަމުން އަންނަ އޮފީހުގެ ހުރިހާ މަސައްކަތެއް އާ އޮފީހަށް ބަދަލު ކުރާނެ އެވެ. އަދި އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ޒަމާނީ ފެންވަރަށް އިތުރަށް ތަރައްގީ ވެގެންދާނެ ކަމަށް ފެނަކައިން ބުންޏެވެ.