އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީ އެމެރިކާއަށް މި މަހުގެ ފަހުކޮޅު ވަޑައިގަންނަނާނެ ކަމަށް ޓައިމްސް އޮފް އިންޑިއާއިން ބުނެއެވެ. ނަމަވެސް ސަރުކާރުގެ އިދާރާއަކުން މިވާހަކަ ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ސެޕްޓެމްބަރު 24 ހާ ހިސާބުގައި ކުރެއްވުމަށް ތައްޔާރު ކުރެވޭ މި ދަތުރުފުޅަކީ، އެމެރިކާގެ ރައީސް ޖޯ ބައިޑެން މަގާމާ ޙަވާލުވެ ވަޑައިގަތްފަހުން މޮދީ އެމެރިކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އަދި ޝަޚްސީ ގޮތެއްގައި މޮދީއާއި ބައިޑެން ބައްދަލުވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ވޮޝިންޓަންގެ ދަތުރުފުޅަށް ފަހު މޮދީ ދެން ވަޑައިގަންނަވާނީ ނިއުޔޯރކަށް ކަމަށް ބެލެވެއެވެ. އޭނާ އދގެ އާންމު މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މޮދީ މީގެ ކުރިން އެމެރިކާއަށް ވަޑައިގަތީ ޓްރަމްޕްގެ ވެރިކަމުގައެވެ. 2019ގެ ދަތުރުފުޅުގައި ހިއުސްޓަންގައި ރޭލީއެއްގައި އެމެރިކާގައި ދިރިއުޅޭ އިންޑިއާ މީހުންނާ އޭނާ ބައްދަލު ކުރައްވައި ތަގްރީރު ކުރެއްވިއެވެ.