ޗައިނާގެ ނުފޫޒު އިންޑިއާގެއެކި ދާއިރާތަކަށް ފެތުރިފައިވާ މިންވަރު އިއްޔެ ޝައިއުކޮށްފައިވާ އައު ރިޕޯޓެއްގައި ފާހަގަ ކޮށްފިއެވެ. މި ރިޕޯޓާ މެދު ބަހުސް ކުރުމަށް ތަޖުރިބާކާރުންގެ މަޖާޒީ ވެބިނާރެއްވެސް ބާއްވާފައި ވެއެވެ.

މެޕިންގ ޗައިނީޒް ފުޓްޕްރިންޓްސް އިން އިންޑިއާ އެންޑް އިންފުލުއެންސް އޮޕަރޭޝަންސް އިން އިންޑިއާ ރިޕޯޓްގައި ބުނާ ގޮތުން ހިމޭން ކަމާއެކު އިޖުތިމާއީ އަދި އިގްތިސާދީ އަދި އެކަޑެމިކް ދާއިރާފަދަ އެތައް ދާއިރާއަކަށް ޗައިނާއިން ވަނީ ތޮރުފިގެންފައެވެ. އަދި ޗައިނާއިން ވަދެފައިވާ ދާއިރާތަކަށް ވަދެފައި ވަނީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީއާއި ސަރުކާރާއި ޖާސޫސީ އިދާރާތަކުގެ ފުރިހަމަ ބައިވެރވުމާއެކު ކަމަށްވެސް ބުނެފައި ވެއެވެ.

މި ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި އިންޑިއާގެ ސިޔާސީ ޕާޓީތަކުގެ ތެރޭން ކޮމިއުނިސްޓް ޕާޓީ އޮފް އިންޑިއާ މާކްސިސްޓް ޕާޓީން ޗައިނާގެ އަމަލުތަކަށް ފާޑު ނުކިޔާ މައްސަލަވެސް ފާހަގަކޮށްފައި ވެއެވެ. އަދި އިންޑިއާގެ ޓެކްނޮލޮޖީގެ ދާއިރާގައި ހަތް ބިލިއަން އެމެރިކާ ޑޮލަރަށް ވުރެން ގިނައިން ޗައިނާގެ ކުންފުނިތަކުން އިންވެސްޓްކޮށްފައިވާ ކަމަށާއި ބައެއް ބޮޑެތި ކުންފުނިތައް ކޮންޓްރޯލު ކުރެވޭ މިންވަރަށް ޙިއްސާތައް އިތުރުކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ.