ބައެއް ގްރޭޑްތަކުގެ ފޮތްތަކުގައި ޤުރުއާނުގެ އާޔަތެއް ނުބައިކޮށް އޮތް އޮތުމަކީ 2015 ވަނަ އަހަރުން ފެށިގެން އޮތް ކުށެއް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ ގައުމީ އާ މަންހަޖުގެ ދަށުން ކިޔަވައި ދިނުމަށް 2015 ގައި ޗާޕުކުރި މި ފޮތްތަކުގައި އޭރުއްސުރެ އެ ކުށް އޮތް ނަމަވެސް ސަމާލުކަމަށް އައީ މި ފަހުން ކަމަށެވެ.
ގުރޭޑް އެކެއްގެ ގުރުއާން ފޮތްތައް ޗާޕްކުރި އިރު، ދެ ސޫރަތެއްގެ އާޔަތްތައް އެކުވި މައްސަލައެއް ފެންމަތިވީ މިދިޔަ ހަފުތާގަ އެވެ. އޭގެ ފަހުން، ގްރޭޑް 2 އަދި 12 ގެ އިސްލާމް ފޮތްތަކުގައި ވެސް އެފަދަ މައްސަލަތަކެއް ހުރުމުން، ބައެއް އިލްމުވެރިން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
"ފޮތްތަކުން ކުށް ފެނުމަކީ އާންމުކޮށް ދިމާވާ މައްސަލައެއް. ނަމަވެސް ގުރުއާނުގެ އާޔަތެއްގައި ކުށެއް އޮވެގެން ނުވާނެކަން ގަބޫލުކުރަން. މި ކަމުގައި އިހުމާލެއް އޮތްތޯ އަޅުގަނޑުމެން ބަލާނަން،" އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ ފޮތްތަކުގައި ކުށްކުރި މައްސަލަ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ފާހަގަކުރެއްވިއިރު އެ ފޮތްތައް ބަލައި ޗެކް ކުރީ ޝަހީމްގެ އިސްލާމިކް މިނިސްޓަރު ކަމުގައި ކަމަށެވެ. އަދި އެޑިޔުކޭޝަނުން ފޮތްތައް ބަލައިގެންއިރު އޭރު އެކަމުގައި އިސްކޮށް ހުންނެވީ މަޑުއްވަރީ ދާއިރާގެ މިހާރުގެ މެންބަރު އަދި އެޑިޔުކޭޝަން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އާދަމް ޝަރީފް އެވެ. ގުރޭޑް އެކެއްގެ ފޮތުގައި ނުބައިކޮށް ލިޔެފައިވަނީ ސޫރަތުލް ނަބައުގެ 24 ވަނަ އާޔަތުގެ މެދު ތެރެއިންނެވެ. އެހިސާބުން އެ ސޫރަތުގެ ތެރެއަށް ވަދެފައިވަނީ ނާޒިއަތު ސޫރަތުގެ އަށްވަނަ އާޔަތުން ފެށިގެން 14 ވަނަ އާޔަތެވެ.