ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް ރ. އަތޮޅަށާއި ށ، އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި މާދަމާ ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރައީސް ވަޑައިގަންނަވާނީ ރ. އަތޮޅުން އަލިފުށި، ވާދޫ، ރަސްގެތީމް، އަނގޮޅީމަށް ކަމަށެވެ. އަދި ށ. އަތޮޅުން ފުނަދޫ، ޅައިމަގު، މާއުނގޫދޫ އަދި ފޯކައިދޫއަށް ވެސް ޒިޔާރަތްކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ރަށްރަށުގެ މުވައްސަސާތަކާއި ބައްދަލުކުރައްވައި ހުރި ގޮންޖެހުންތަކާއި ދަތިތައް އަދި ބޭނުންވާ ކަންކަން އޮޅުންފިލުވާނެ އެވެ. އަދި ރައްޔިތުންނާ ވެސް އެމަނިކުފާނު ބައްދަލުކުރައްވާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

މީގެ އިތުރުން ރަށްރަށުގެ ހާލަތު ބައްލަވާ ދިމާވެފައިވާ މައްސަލަތައް އެމަނިކުފާނު ހޯއްދަވާނެ ކަމަށް ވެސް މަޢުލޫމާތު ލިބެ އެވެ.