ދުނިޔޭގެ ޞިއްޙަތުމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ކޮމިޓީގެ 74ވަނަ ބައްދަލުވުން މިއަދު ފެށިއްޖެއެވެ.

ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ މި ބައްދަލުވުން ކޯވިޑް-19 ބަލިމަޑުކަމާ ގުޅިގެން މި އަހަރުވެސް ބާއްވަނީ "ވަރޗުއަލް" ބައްދަލުވުމެއްގެ ގޮތުގައެވެ.

މި މަހުގެ 6ން 10ށް ކުރިއަށްދާ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގެ ފަރާތުން އެންމެ އިސްކޮށް ހުންނަވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު ޑރ. ޝާހު ޢަބްދުﷲ މާހިރެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުއިއްޔާގެ ރީޖަނަލް ކޮމިޓީގެ ބައްދަލުވުމަކީ މި ސަރަޙައްދުގެ 11 ޤައުމުގެ ޞިއްޙަތާބެހޭ ވަޒީރުންނާއި ޞިއްޙީ ދާއިރާގެ އިސްވެރިންނާއި ފަންނީ ފަރާތްތައް ހިމެނޭގޮތަށް، މި ސަރަޙައްދުގެ ރައްޔިތުންގެ ޞިއްޙަތާގުޅޭ މުހިންމު ކަންކަން ކަނޑައަޅައި، މި ސަރަޙައްދުގެ ޞިއްޙަތާގުޅޭ ކަންކަން ކުރިއެރުމަށް މަޝްވަރާކޮށް، ނިންމުންތައް ނިންމާ އެންމެ މުހިންމު 'ގަވަރނަންސް' ބައްދަލުވުމެވެ.

މި އަހަރުގެ ބައްދަލުވުމުގައި މެންބަރު ޤައުމުތަކުން ކޯވިޑް-19އާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކާއި، ކުރެވުނު ތަޖުރިބާއާއި، މުސްތަޤުބަލުގައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވަޒީރުންގެ ފެންވަރުގައި މަޝްވަރާ ކުރެވޭނެއެވެ. އަދި ކޮންމެހެން ފޯރުކޮށްދެންޖެހޭ ޞިއްޙީ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްގެންދިއުމަށްޓަކައި ޤައުމުތަކާއި ސަރަޙައްދީ ފެންވަރުގައި ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެވިގެންދާނެއެވެ. އަދި ކޯވިޑް-19ގެ ޙާލަތުގައި ދެމުންގެންދާ ޞިއްޙީ އަސާސީ ޚިދުމަތްތައް ހަރުދަނާކުރުމާ ގުޅޭގޮތުން ސިއްޙަތާއިބެހޭ ވަޒީރުންގެ ޤަރާރެއް ފާސްކުރެވިގެން ދާނެއެވެ.

މި ބައްދަލުވުމުގައި އެޖެންޑާ ކޮށްފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި އެޗް.އައި.ވީ، ވައިރަލް ހެޕަޓައިޓިސް އަދި އެސް.ޓީ.އައި ފެތުރުން ހުއްޓުމާގުޅޭ ނިންމުމުކާއި، ގައިންގަޔަށް ނާރާ ބަލިތައް މަދުކުރުމާއި ގުޅޭ ނިންމުމުކާއި، 2022 އަދި 2023 ވަނަ އަހަރަށް މި ސަރަޙައްދަށް ހުށަހަޅައިފައިވާ ބަޖެޓާ ގުޅޭގޮތުން މަޝްވަރާކުރުން ހިމެނެއެވެ.

މީގެ އިތުރުންވެސް، ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ އެންމެ ސަމާލުކަންދޭ ޞިއްޙީ މައްސަލަތަކާއިގުޅޭ ގޮތުން މިބައްދަލުވުމުގައި މަޝްވަރާކޮށް، އެމައްސަލަތަކަށް ޤައުމުތަކާއި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގުޅިގެން ކުރާނެ މަސައްކަތްތަކެއް ނިންމިގެންދާނެއެވެ.