މާލެ އަތޮޅު އެނބޫދޫ ފަޅު ކައިރިން ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ހާލު ދެރަވެ، ޞިއްޙީ އެހީތެރިކަމަށް އެދުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑު މާލެ އޭރިއާ ސެކަންޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވެއްޖެއެވެ.

"ސަފާރީ ޕެރަޑައިވް" ނަމަކަށް ކިޔުނު ސަފާރީގައި ހުރި އުމުރުން 49 އަހަރުގެ ޖަރުމަން ފަތުރުވެރިޔާ ހާލު ދެރަވެގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ މިއަދު 14:10 ހާއިރުއެވެ.

ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން ވަނީ އެ ސަފާރީ އޮތް ސަރަޙައްދަށް ގޮސް ހާލު ދެރަވި ފަތުރުވެރިޔާ، މިއަދު 15:15 ހާއިރު މާލެ ގެނެސްދީފައެވެ.

މި ފަތުރުވެރިޔާއަށް ސިއްޙީ އިތުރު ފަރުވާ ދިނުމަށް މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންދެވިފައެވެ.