އިންޑިއާއިން ދުވާލެއްގެ މައްޗަށް 12.5 މިލިއަނަށް ވުރެން ގިނަ މީހުންނަށް ވެކްސިން ޖަހަމުންދާ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީ ވިދާޅުވެއެވެ. އޭނާ ގޮވާލައްވާފައި ވަނީ މީހުން ދައްކާ ދޮގު ވާހަކައިގައި ނުޖެހި، ރައްޔިތުން ވެކްސިން ޖެއްސުމަށް އަވަސްވެގަތުމަށެވެ.
މޮދީ ވިދާޅުވިގޮތުގައި މިހާރު އިންޑިއާއިން ވެކްސިން ޖަހަމުންދާ މިންވަރަކީ ނިސްބަތުން ދުނިޔޭގެ ގިނަ ގައުމުތަކުގެ އާބާދީއަށް ވުރެންވެސް ގިނަ އަދަދެކެވެ.
މޮދީ ވާހަކަ ދައްކަވަމުން ގެންދެވީ ހިމާޗަލް ޕްރަދޭޝްގައެވެ. އަދި އޭނާ ވިދާޅުވީ ހިމާޗަލް ސަރަހައްދަކީ އަހަރުގެ ބޮޑު ބައެއްގައި ގަދަ ފިންޏާއި ގަނޑުފެނުގެ ސަބަބުން އިންޑިއާއާ ވަކިވެފައި އޮންނަ ސަރަހައްދެކެވެ. ނަމަވެސް ދުނިޔޭގެ އެންމެ އުހުގައި ހަދާފައިވާ އަޓަލް ޓަނަލްގެ ސަބަބުން މިހާރު ހިމާޗަލް ސަރަހައްދައަށް އަހަރުގެ ކޮންމެ ދުވަހެއްގައިވެސް ދަތުރުތައް ބޭއްވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ އެންމެ އުހުގައި ހަދާފައިވާ އެންމެ ދިގު އަޓަލް ޓަނަލް ހަދާފައި ވަނީ ގުޅީފަޅާއި ތިލަމާލެ ވިލިނގިލި ބްރިޖް ހެދުމުގެ މަސައްކަތް ހަވާލުވެފައިވާ ކުންފުނިންނެވެ.