ސްރީލަންކާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 8،000 އަށްވުރެ މައްޗަށް ހިނގައްޖެއެވެ.

ސްރީލަންކާ ސަރުކާރުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އަލަށް ޕޮޒިޓިވްވި 280 މީހުންނާއެކު، އެގައުމުން ކޮވިޑަށް މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 8،152 އަށް އަރާފައިވާ ކަމަށެވެ.

މިބަލީގައި ސްރީލަންކާއިން މިހާތަނަށް 16 މީހުން މަރުވެފައިވާއިރު، ބަލިޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 3،933 މީހުންނަށް ފަރުވާދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ ރަށްބޭރުގައި އޮންނަ މިނުވަންގޮޑާއާއި، ކޮލަމްބޯގެ ޕެލިޔަގޮޑާގެ މަސް މާރުކޭޓަކުން ދާދިފަހުން ފެނުނު އައު 2 ކްލަސްޓަރއާ ގުޅިގެން އެގައުމުގައި ކޮވިޑަށް ޕޮޒިޓިވާ މީހުންގެ އަދަދު ކުއްލިއަކަށްވަނީ މައްޗަށް ގޮސްފައެވެ.

މިނުވަގޮޑާއިން މި އޮކްޓޫބަރުމަހުގެ 4 ވަނަ ދުވަހު އެންމެ ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ އެ އަވަށުގެ ގާމެންޓް ފެކްޓަރީއެއްގައި މަސައްކަތްކުރާ އަންހެނަކާއި އޭނާގެ އަންހެން ދަރިފުޅެވެ.

އޭގެފަހުން، މިނުވަގޮޑާއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2،000 އިން މައްޗަށް ގޮސްފައިވާއިރު، މިނުވަގޮޑާ ހިމެނޭ ގަމްޕަހަ ޑިސްޓްރިކްޓްގައި އެތައްހާސް ޕީސީއާރް ޓެސްޓްތައް ހަދާފައި ވެއެވެ. އެ ސަރަހައްދުގައި އަދިވެސް އޮތީ ކާފިއު ހިންގާފައެވެ.

ބަލި ފެތުރުން ހުއްޓުވުމުގެ ފިޔަވަޅެއްގެގޮތުން ސްރީލަންކާ ފުލުހުން ވަނީ، ވެރިރަށް ކޮޅަމްބޯގެ އުތުރުގެ ބައެއް ހިސާބުތަކުގައިވެސް ކާފިއު ހިންގާފައެވެ. އެ ހިސާބުތަކުގެ ވިޔަފާރިތައްވެސް ވަނީ ބަންދުކޮށްފައެވެ.

ކޮވިޑް-19 ބަލި އަލުން ފެތުރޭން ފެށުމުން ސްރީލަންކާގެ ހުރިހާ ސްކޫލެއް މިހާރުވަނީ ބަންދުކޮށްފައެވެ. އަދި ޟަރޫރީ ބޭނުމެއްގައިނޫނީ ގެއިން ބޭރަށް ނުދިއުމަށްވެސް ސަރުކާރުން ދަނީ ރައްޔިތުންނަށް އިރުޝާދުތައް ދެމުންނެވެ.