ކަނޑުގައި ބާއްވާ އުޅަނދަކުން މިސައިލް ފޮނުވައި ޓެސްޓް ކުރުމުގެ ގޮތުން އެކަމަށް ޚާއްސަ ކޮށްގެން ބަނދެފައިވާ ކަނދުފައްޗެއް އިންޑިއާއިން މިމަސް ތެރޭ ބާލައި ބޭނުން ކުރާނެއެވެ. ކޮއްޗޭގެ ޝިޕްޔާޑުން އުފައްދާ މި ކަނދުފަތި ފަރުމާކޮށްފައި ވަނީ ޑިފެންސް ރިސާޗް އެންޑް ޑިވެލޮޕްމެންޓް އޮގަނައިޒޭޝަން އިންނެވެ.

ނުވަ ހާސް ޓަނުގެ އައިއެންއެސް އަވިނާޝް ކަނދުފަތި މަނަވަރު، ބާއްވަނީ އެއްގަމާއި ކަނޑު ދަތުރުކުރާ އުޅަނދުތަކަށްވެސް ޓެސްޓް މިސައިލްތަކުން އަސަރެއް ނުކުރާ ގޮތަށް ކަނޑުގެ މެދުތެރޭގައި އެއްގަމާ ފަނަރަ ހާސް ކިލޯމީޓަރު ދުރުގައެވެ.

އިންޑިއާގެ ކަނޑުގެ ސިފައިންގެ ކުޅަދާނަކަން އިތުރުކުރުމުގެ ގޮތުން އިންޑިއާއިން ދަނީ ކަނޑު ސިފައިންނަށް ބޭނުންވާ އުޅަނދުތައް އުފައްދައި ބާލަމުންނެވެ. މިއަހަރުގެ ތެރޭގައި ހަތަރު އުޅަނދު ބޭލުމަށް ތާވަލް ކޮށްފައި ވެއެވެ. އޭގެ ތެރޭގައި، ބެލެސްޓިކް މިސައިލް ފާހަގަ ކޯށް ހޯދައިގަތުމަށް ކުޅަދާނަ މަނަވަރު އައިއެންއެސް ޑްރުވްއާއި ރޭޑާއަށް ނާރާވައްތަރުގެ މިސައިލް ޑެސްޓްރޯޔަރ މަނަވަރު އައިއެންއެސް ވިޝާކަޕަޓްނަމްއާއި ޑީސަލުން ދުއްވާ އެޓޭކް ސެބްމެރިން އައިއެންއެސް ވޭލާއަކީ މިއަހަރު ބޭލުމަށް ތާވަލް ކޮށްފައިވާ އުޅަނދުތަކެވެ.

އިންޑިއާއިން މިހާރު މިސައިލް ޓެސްޓްތައް ބާއްވަނީ އޮޑީޝާ ސްޓޭޓްގެ ވީލަރ ޖަޒީރާގައެވެ. އިންޑިއާއިން ބުނާ ގޮތުން ވާދަވެރިންނަށް މިޖަޒީރާތަކަށް މިހާރު ފަސޭހައިން ފާރަލެވެއެވެ. ނަމަވެސް އައިއެންއެސް އަވީނާޝް ކަނދުފަތިން މާކަނޑުގައި ޓެސްޓްތައް ކުރަން ފެށުމުން ވާދަވެރިންނަށް އެނގުމަކާ ނުލައި ޓެސްޓްތައް ކުރެވޭނެކަމަށް ބުންޏެވެ.