ގަތަރުގައި އަންނަ އަހަރު ބައްވާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް އޭޝިޔާ ޒޯނުގެ ތިންވަނަ ރައުންޑުގައި އިއްޔެ ކުޅުނު މެޗުތަކުން ބޮޑެތި ބާރުތައް ކަމުގައިވާ އިރާނާއި އޮސްޓްރޭލިޔާ، ދެކުނު ކޮރެއާ، ޖަޕާން އަދި ސައުދީ އަރަބިއްޔާ މޮޅުވެއްޖެއެވެ.
އިރާން މޮޅުވީ ޒަމާންވީ ވާދަވެރިޔާ އިރާޤް އަތުން 3-0 އިންނެވެ. މިފަހަރުގެ ކޮލިފައިންގައި ވަރުގަދަ ދެކުނު ކޮރެޔާއާ އެއްވަރު ކޮށްފައިވާ އިރާގް ކޮޅަށް އިރާނުން ފުރަތަމަ ލަނޑު ޖެހީ މެޗް ފަށައިގެން ދެވަނަ މިނެޓުގައެވެ. ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ. ކޮލިފައިންގައި އެންމެފަހުން ކުޅުނު މެޗުގައި ހައިރާން ކުރުވަނިވި ގޮތަކަށް އަމިއްލަ ގައުމުގައި އޮމާން އަތުން 1-0 އިން ބަލިވެފައިވާ ޖަޕާނުން ރޭ މުހިއްމު ތިން ޕޮއިންޓް ހޯދީ ރަށުން ބޭރުގައި ޗައިނާ 0-1 އިން ބަލިކޮށްގެންނެވެ.
އޯޝޭނިޔާ ސަރަހައްދަށް ނިސްބަތްވިނަމަވެސް ފުޓްބޯޅައިގައި ކުރިއަށް ދިޔުމަށްޓަކައި އޭޝިޔަން ފުޓްބޯލް ކޮންފެޑެރޭޝަނާ ގުޅިފައިވާ އޮސްޓްރޭލިޔާ ރޭ މޮޅުވީ ލަނޑު ޖަހަން ލިބުނު ދެފުރުސަތުގެ ތެރެއިން އެއްފުރުސަތުގެ ބޭނުން ހިފައިގެން ވިއެޓްނާމް އަތުން 1-0 އިންނެވެ. މިމެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން އޮސްޓްރޭލިޔާއިން ކުޅުނުނަމަވެސް ނުރައްކާތެރި ގިނަ ހަމަލާތައް އުފައްދާފައިވަނީ ވިއެޓްނާމުންނެވެ. އޭޝިޔާއިން ޒޯނުން ގަވައިދުން ވޯލްޑް ކަޕުން ޖާގަ ހޯދުމުން އަންނަ ދެކުނު ކޮރެއާ މުހިއްމު ތިން ޕޮއިންޓް ހޯދީ ލެބްނަން 0-1 އިން ބަލިކޮށްފައެވެ. ޔޫރަޕުގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ދެކުނު ކޮރެއާގެ ހަމައެކަނި ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ވޮން ޗަންގ ޗޫއެވެ.
އޭޝިޔާ ޒޯނުގެ ތިންވަނަ ރައުންޑް ބަހާލާފައި ވަނީ ދެގްރޫޕަކަށެވެ. ވޯލްޑް ކަޕުން ސީދާ ޖާގަ ލިބޭނީ ކޮންމެ ގްރޫޕަކުންވެސް އެއްވަނަ އަދި ދެވަނަ ޓީމަށެވެ. ތިންވަނައަށްދާ ދެޓީމުގެ މެދުގައި ޕްލޭއޮފް ކުޅުމަށްފަހު އެތަނުން މޮޅުވާ ޓީމެއް ވޯލްޑް ކަޕަށް ކޮލިފައިވުމަށްޓަކައި ދެކުނު އެމެރިކާ ޒޯނުގެ 5 ވަނައަށްދާ ޓީމާއެކު ޕްލޭ އޮފް މެޗެއް ކުޅެން ފުރުސަތު ލިބޭނެއެވެ.