‏ދަރިވަރުންނަށް ކިޔަވައިދިނުމަށް ތައްޔާރުކޮށްފައިވާ ހުރިހާ ކީ ސްޓޭޖްތަކެއްގެ އިސްލާމް އަދި ޤުރްއާން ފޮތްތައް އަލުން ބަލައި ޕްރޫފްރީޑް ކުރުމުގެ މަސައްކަތް ކުރުމަށް މިނިވަން ކޮމެޓީއެއް އެކުލަވާލައި، މި ކޮމެޓީގެ މަސައްކަތް ފެށިއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ކޮމެޓީ އެކުލަވާލާފައިވަނީ ކޮންމެ ގްރޭޑަކަށް 3 މެންބަރުންގެ މައްޗަށް އެކުލެވޭ ޓީމެއް ހިމެނޭގޮތަށް ކަމަށެވެ.

މި ޓީމް ތަކުގެ މަސައްކަތް އަންނަ ހަފްތާގެ ނިޔަލަށް ނިންމައި ކޮންމެ ޓީމަކުންވެސް، ފޮތްތަކުގައި ހުރި ކުށްތައް ފާހަގަކޮށް ތަފްޞީލް ރިޕޯޓެއް އެކުލަވާލާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ގްރޭޑް އެކެއް އަދި ދޭއްގެ ފޮތްތައް ޗާޕްކުރި އިރު ދެ ސޫރަތެއްގެ އާޔަތްތައް އެކުވި މައްސަލައެއް މިދިޔަ ހަފްތާ ވަނީ ފެންމަތިވެފަ އެވެ. އަދި އޭގެ ފަހުން ގްރޭޑު ދޭއް އަދި 12ގެ އިސްލާމް ފޮތްތަކުގައި ވެސް އެފަދަ މައްސަލަތަކެއް ހުރި ކަން ވަނީ ހާމަވެފަ އެވެ.