ޖަޕާނުގެ ހުރިހާ ރައްޔިތުންނަށް ކޮވިޑް-19 ވެކްސިން މުޅިން ހިލޭ ލިބޭގޮތަށް ގާނޫނެއް ފާސްކުރުމަށްޓަކައި ޖަޕާނު ސަރުކާރުން ގާނޫނެއްގެ ބިލު އެކުލަވާލައިފިއެވެ.

މި ބިލުގައިވާގޮތުން، ޖަޕާނުގެ ހުރިހާ ރައްޔިތުންގެ އިތުރުން، ޖަޕާނުގައި ވަޒަންވެރިވެގެން އުޅޭ އެންމެނަށްވެސް ކޮވިޑް ވެސިން ހިލޭ ލިބޭނެއެވެ.

މީގެއިތުރުން، ވެކްސިންގެ ސަބަބުން ސީރިއަސް ސައިޑްއިފެކްޓްތަކެއް ދިމާވެއްޖެނަމަ ސަޕްލަޔަރުންނަށް ބަދަލު ދިނުމާއި، އަދި ވެކްސިން ޖެހުމުގެ ސަބަބުން އެއްވެސް މީހަކަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވެއްޖެނަމަ ހިލޭ ސިއްހީ ފަރުވާ ދިނުމަށްވެސް ބިލުގައި ހިމަނާފައި ވެއެވެ.

ޖަޕާނު ސަރުކާރުން އެކަށައެޅި މިބިލަކީ، ޖަޕާނުގައި މިހާރު އަމަލުކުރަމުން އަންނަ ވެކްސިންދިނުމާބެހޭ ގާނޫނުގެ ބަދަލުގައި ވުޖޫދުކުރަން އުޅޭ ގާނޫނެއްގެ ބިލެކެވެ.

މިދިޔަމަހު ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައި ގެންނެވި ޔޮޝިހިޑޭ ސުގާ، އައު ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން ޕާލަމެންޓުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ، ޖަޕާނުގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވެކްސިން ލިބޭނެކަމުގެ ކަށަވަރުކަން ސަރުކާރުން ހޯދާނެ ކަމަށެވެ.

ޖަޕާނުގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވެކްސިން، މިފެށޭ އަހަރުގެ މެދުތެރެއާ ހަމައަށް ހޯއްދަވާނެ ކަމަށާއި، ނަމަވެސް ޖަޕާނުން ވެކްސިން ހޯދާނީ ދުނިޔޭގައި މިހާރު ކުރިއަށްދާ ވެކްސިންތަކުގެ ކްލިނިކަލް ޓްރައިލްސްތައް ނިމި، ވެކްސިންގެތަކުގެ ރައްކާތެރިކަމުގެ ކަށަވަރުޔަގީންކަން ކަމާބެހޭ ފަރާތްތަކުން ދިނުމުން ކަމަށް ބޮޑުވަޒީރު ސުގާ ވިދާޅުވެފައި ވެއެވެ.

ޖަޕާނަށް ބޭނުންވާ ވެކްސިން ހޯދުމަށް މަގުފަހި ކުރުމުގެގޮތުން ޖަޕާނު ސަރުކާރުންވަނީ ކޮވިޑް ވެކްސިން ތަރައްގީ ކުރަމުންދާ ބޭރުގެ 2 ކުންފުންޏަކާއެކު އެއްބަސްވުންތައްވެސް ހަދާފައެވެ. އެދެ ކުންފުންޏަކީ، އިނގިރޭސިވިލާތުގެ އެސްޓްރަޒެނެކާއާއި، އެމެރިކާގެ ފިޒަރއެވެ.

އެއްބަސްވުންތަކުގައި ކަނޑައަޅާފައިވަނީ، އެ ކުންފުނިތަކުން އުފައްދާ ވެކްސިން ކާމިޔާބު ވެއްޖެނަމަ އެއިން ކޮންމެ ކުންފުންޏަކުން ޖަޕާނަށް 120 މިލިއަން ޑޯޒްގެ ވެކްސިން ދިނުމަށެވެ.

އިތުރު 40 މިލިއަން ޑޯޒް ވެކްސިން ހޯދުމަށް ޖަޕާނުން ގެންދަނީ، ވެކްސިން އުފައްދާ އެމެރިކާގެ އެހެން ކުންފުންޏެއް ކަމަށްވާ މޮޑަނާއާވެސް ވާހަކަ ދައްކަމުންނެވެ.

ޖަޕާނުގެ ކުންފުނިތަކުންވެސް ކޮވިޑަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުން ގެންދާއިރު، އެ ވެކްސިންތަކުގެ ޓެސްޓުތައް އަދިއޮތީ ފެށުމުގެ މަރުލަހާތަކުގައެވެ.

ލިބަރަލް ޑިމޮކްރަޓިކް ޕާޓީ އިސްވެއޮވެ އުފައްދާފައިވާ ކޯލިޝަން ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ، އަލަށް އެކަށައެޅި ވެކްސިން ބިލް ޕާލަމެންޓަށް ހުށަހަޅައި، ކުރިއަށްއޮތް ޑިސެމްބަރުމަހު ގާނޫނަކަށް ހެދުމަށެވެ. ވެކްސިން އުފައްދަންވާއިރަށް ގާނޫނު ވުޖޫދު ކުރުމަށެވެ.

ޖަޕާނުގެ ހުރިހާ ރައްޔިތުންނަށް ހިލޭ ކޮވިޑް ވެކްސިން ދިނުމަށްޓަކައި، ވެކްސިން ހޯދުމާއި، އެކަމުގެ ތައްޔާރީތަކަށް އައު ސަރުކާރުންވަނީ 671.4 ބިލިއަން ޔެން (6.4 ބިލިއަން އެމެރިކާ ޑޮލަރު) ގެ ބަޖެޓެއްވެސް އެކަށައަޅާފައެވެ.