ކަޝްމީރުގެ ޒުވާނަކު އަށް ދުވަސް ތެރޭގައި އިންޑިއާގެ އުތުރުން ދެކުނަށް އޮންނަ ރާސްތާ ބައިސިކަލެއްގައި ކަޑައްތުކޮށްފިއެވެ. 23 އަހަރުގެ ޒުވާނާ ވަނީ ކަޝްމީރުން ކަންޔާކުމާރީއަށް އޮންނަ 3600ކިލޯމީޓަރު ކަޑައްތުކޮށް، ގިނެސް ބުކް އޮފް ވަރލްޑް ރެކޯޑަށް ވަދެފައެވެ.

ބައިސިކަލް ދުއްވުމަށް އާދިލްގެ ޝައުގުވެރިކަން އުފެދުނީ 2013ގައެވެ. އަދި އޭނާ ވަނީ އިންޑިއާގެ ގައުމީ ބައިސިކަލް ދުއްވުމުގެ މުބާރާތްތަކުގައި ގައި ބައިވެރިވެފައެވެ.

އާދިލަކީ މިހާރު އަމްރިޓްސާގައި ގުރޫ ނާނަކް ޔުނިވަރސިޓީން މާސްޓާޒްއަށް ކިޔަވަމުންދާ ޒުވާނެކެވެ.

ބައިސިކަލް ދުއްވުމުގެ މުބާރާތްތަކުގައި އޭނާ ކަޝްމީރު ޔުނިވަރސިޓިއާއި ކަޝްމީރުވެސް ތަމްސީލުކޮށްދީފައި ވެއެވެ.

އޭނާއަށް މި މަސައްކަތުގައި އާއިލާއާއި ރަޙުމަތްތެރިންގެ މަދަދު ލިބުނު ކަމަށް ކިޔައި ދިނެވެ. އަދި އޭނާއަށް ސްޕޮންސަރ ކޮށްދީފައިވާ ފަރާތުން އޭނާއާއެކު ނިއުޓްރިޝަނިސްޓަކާއި ފިޒިއޯތެރަޕިސްޓަކާއި ޑކިއުމެންޓްރީ ތައްޔާރު ކުރާނެ މީހަކުވެސް ޓީމްގައި ބައިވެރިކޮށްދިން ކަމަށް އާދިލް ކިޔައި ދިނެވެ.