ނެދަރލޭންޑްސްގެ ދުރު-ކަނާތުފިޔައިގެ ސިޔާސީ ލީޑަރެއް ކަމަށްވާ ހިއަތު ވިލްޑަރސްއާ ދެކޮޅަށް، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ޖިނާއީ މައްސަލައެއް ކޯޓަށް ހުށަހަޅުއްވައިފިއެވެ.

ގާނޫނީ ވަކީލުން މެދުވެރިކުރައްވައި ތުރުކީގެ ރައީސް އުރުދުޣާން، ހިއަތު ވިލްޑަރސްއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުއްވީ، ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއަތު ވިލްޑަރސް، އުރުދުޣާންއަށް ފުރައްސާރަ ކުރިކަމަށް ވިދާޅުވެއެވެ.

ހިއަތު ވިލްޑަރސްއަކީ، ނެދަރލޭންޑްސްގެ ފްރީޑަމް ޕާޓީގެ ލީޑަރެވެ. އޭނާއަކީ ޔޫރަޕަށް، ޚާއްސަކޮށް ނެދަރލޭންޑްސްއަށް ހިޖުރަވެރިން އެރުމަށް ވަރަށް ދެކޮޅު އަދި އެކަމަށް ވަރުގަދައަށް ވަކާލާތުކުރާ ލީޑަރެކެވެ.

އޭނާއަކީ ފާޅުގައި މުސްލިމުންނާ ދެކޮޅު މީހެކެވެ. މުސްލިމުންނަށް ފުރައްސާރަކުރާ މީހެކެވެ.

ނެދަރލޭންޑްސްގެ ސަރުކާރުގެ މަގާމެއްގައި އޭނާ މިވަގުތު ނެތްނަމަވެސް، އޭނާ މިދިޔަ ހޮނިހިރު ދުވަހުވަނީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންގެ ކާޓޫނު ފޮޓޯއެއް ޕޯސްޓްކޮށްފައެވެ. އެ ފޮޓޯއާއެކު ލިޔެފައިވަނީ "ޓެރަރިސްޓް" މިހެންނެވެ.

އޭގެފަހުން އަނެއްކާވެސްވަނީ، ފެތެމުންދާ ބޯޓެއްގެ ފޮޓޯއެއް ޕޯސްޓްކޮށްފައެވެ. އެ ބޯޓުގައި ތުރުކީގެ ދިދަ ނަގާފައި ހުރެއެވެ.

އެ ފޮޓޯގެ ތިރީގައި ތުރުކީގެ ރައީސް ޓެގްކުރުމަށްފަހު ހިއަތު ވިލްޑަރސް ލިޔެފައިވަނީ "ބާއިބާއި އުރުދުޣާން. ނޭޓޯއިން ތުރުކީ ބޭރުކުރޭ!" މިހެންނެވެ.

ތުރުކީގެ ރައީސްގެ ވަކީލުން ވިދާޅުވެފައިވަނީ، އަންކާރާގެ ކޯޓަށް މައްސަލަ ހުށަހެޅީ، ހިއަތު ވިލްޑަރސް ކުރި ފުރައްސާރަ އަމާޒުވަނީ ތުރުކީގެ ރައީސަށްކަމުން، އޭނާގެ މައްސަލަ ބެލުމުގެ އިހްތިސާސް ތުރުކީގެ ކޯޓަށް ލިބިގެންވާތީ ކަމަށެވެ.

އުރުދުޣާންގެ ގާނޫނީ ވަކީލުން ބުނެފައިވަނީ، ހިއަތު ވިލްޑަރސްގެ އެ އަމަލަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ހިމެނޭކަމެއް ނޫން ކަމަށެވެ. އޭނާ އަރައިގެންފައި އެވަނީ، ތުރުކީގެ ރައީސްގެ ޝަޚުސަށާއި، އަބުރާއި ކަރާމާތަށް ކަމަށެވެ.

ހިއަތު ވިލްޑަރސްގެ ސިޔާސަތުތަކާ ތުރުކީން ކުރިއްސުރެންވެސް ދެކޮޅެވެ.

ރައީސް އުރުދުޣާންއަށް ފުރައްސާރަކުރި މައްސަލާގައި ތުރުކީގެ ބޮޑުވަޒީރު މެވްލުޓް ވިދާޅުވެފައިވަނީ، ވިލްޑަރސްއަކީ ފެއިލްވެފައިވާ ރޭސިސްޓެއް ކަމަށެވެ. އޭނާ އަދިވެސް މަސައްކަތް ކުރަނީ، ނޭދަރލޭންޑްސްއާއި އަދި ޔޫރަޕްގައި މުސްލިމުންނާއި އަދި ހިޖުރަވެރިންނާމެދު ނަފްރަތު އުފައްދައި، ސަޕޯޓް ހޯދަން ކަމަށެވެ.

ތުރުކީގެ ނޭޝަނަލިސްޓް މޫވްމަންޓް ޕާޓީގެ ލީޑަރ ޑެވްލެޓް ބަހްސެލީ ވިދާޅުވީ، ހިއަތު ވިލްޑަރސްއަކީ ޓެރަރިސްޓް ޖަމާއަތްތަކާ "ކަޅު ގުޅުންތަކެއް އޮންނަ" މީހެއް ކަމަށެވެ.

ހިއަތު ވިލްޑަރސް މީގެކުރިންވަނީ އިސްލާމްދީނާއި ނާޒީވިސްނުން އެއްގޮތްކަމަށް ބުނެފައެވެ. އަދި ނެދަރލޭންޑްސްގައި ކީރިތި ގުރުއާން ބޭނުންކުރުން މަނާކުރުމަށްވެސް އޭނާ ގޮވާލިއެވެ. މިމައްސަލަތަކުގައި އޭނާގެ މައްޗަށް ދައުވާވެސް އުފުލިއެވެ.

މިބާވަތުގެ އެހެން މައްސަލަތަކެއްގައި ވިލްޑަރސްގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފް ކުރުމުން ނެދަރލޭންޑްސްގެ ކޯޓުން އެ ހުކުމް މިދިޔަމަހު ބާތިލްކޮށްފައި ވެއެވެ. ނަމަވެސް، މޮރޮކޯ ރައްޔިތުންތަކަކަށް ފުރައްސާރަކުރި މައްސަލައިގެ ހުކުމް އިސްތިއުނާފީ ކޯޓުންވަނީ ދަމަހައްޓާފައެވެ.