ޓީޗަރުންނަށް ލައިސަންސް ދީ، ކިޔަވައިދިނުމުގެ ހުއްދަ ދިނުމުގެ މަސައްކަތް ކުރުމަށް ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު މިއަދު އެކުލަވާލައިފި އެވެ.

މުހިއްމު ބަދަލުތަކަކާއެކު "ތައުލީމުގެ ބިލް"، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 55 މެމްބަރުންގެ ވޯޓާއެކު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ.

އެ ބިލުގައިވާ ގޮތުން ޓީޗަރުން ރަޖިސްޓްރީކުރުމާ ގުޅޭ ހުރިހާ ކަމެއް ކުރުމަށް، ގާނޫނަށް އަމަލުކުރަން ފަށާތާ އެއް އަހަރުގެ ތެރޭގައި "ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު" ގެ ނަމުގައި އެޑިއުކޭޝަން މިނިސްޓަރު ވަކި ބޯޑެއް އުފައްދަންޖެހެ އެވެ.

އެ ބޯޑުގައި ހިމެނޭނީ ރަޖިސްޓްރާއަކާއި ތައުލީމީ ސިޔާސަތުގެ ދާއިރާއިން ބޭފުޅަކާއި ކިޔަވައިދިނުމުގެ ދާއިރާއިން މަންދޫބަކާއި ތައުލީމީ މަންހަޖު އެކުލަވާލުމުގެ ދާއިރާ އަދި އެޑިއުކޭޝަނަލް ސައިކޮލޮޖީގެ ދާއިރާއިން ބޭފުޅެކެވެ.

ފަސް އަންހެން ބޭފުޅުން ތިއްބަވާ ބޯޑުގެ ރަޖިސްޓްރާއަކަށް ހަމަޖައްސާފައިވަނީ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރެވެ. ބޯޑުގައި ދެން ތިއްބަވާ ބޭފުޅުންނަކީ

  1. ތައުލީމީ ސިޔާސަތުގެ ދާއިރާ: ނަހުޒާ ޝަރީފް، އެޑިއުކޭޝަން އޮފިސަރު
  2. ކިޔަވައިދިނުމުގެ ދާއިރާ: ޔުސްރާ މުރާދު، އެޑިއުކޭޝަން އޮފިސަރު
  3. ތައުލީމީ މަންހަޖު އެކުލަވާލުމުގެ ދާއިރާ: އާމިނަތު މުހައްމަދު، އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރު ކޯޑިނޭޓަރު
  4. ޗައިލްޑް ސައިކޮލޮޖީ ދާއިރާ: ފައުޒިއްޔާ އަލީ، އެޑިއުކޭޝަން އޮފިސަރު

މިދިޔަ އޮކްޓޫބަރު މަހު ރައްޔިތުންގެ މަޖިލީހުން 55 މެމްބަރުންގެ ވޯޓާއެކު ފާސްކުރެއްވި "ތައުލީމުގެ ބިލް"، ގެ ތެރެއިން އުފަންވި "ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު" އެކުލަވާލުމަށްފަހު ހިދުމަތުގައި ތިބި ޓީޗަރުން ދެ އަހަރު ދުވަހުގެ ތެރޭގައި ބޯޑުގައި ރަޖިސްޓްރީކޮށް ލައިސަންސް ހޯދަންޖެހޭނެ އެވެ.