އިރުއޮއްސި އަނދިރިވެ އޭގެ ވާޖިބު އަދާކުރުމަށްފަހު އެނބުރި ދަނީއެވެ. ދުވާލު އަލިކަމުގައި ލަވަކިޔަމުން ދިޔަ ދޫނިތައް އޭގެ މަންޒިލަށް ދަތުރު ފެށިއިރު އަތިރިމަތީގައި ތިބި އެންމެންވެސް ގެއަށް ދާން ހިގައިގެންފިއެވެ. އިރުއޮއްސުނުއިރުވެސް މަސްބާނަން ދޮށި ހިފައިގެން ނާއިފް ހުއްޓެވެ. އެއީ ނާއިފްގެ ކޮންމެ ދުވަހަކު އާދައެކެވެ. އެއީ އޭނާގެ ހޮބީއެވެ. ރަށުގެ އާދަކާދަ ހުންނަ ގޮތުން ދެނަމާދު ދޭތެރޭގައި މީހުން އެހާ ވަރަކަށް ބޭރަށް ނިކުމެ ނޫޅޭނެއެވެ. އެގަޑިއަކީ ޤުރުއާން ކިޔަވާ ގަޑިއެވެ. އެކަމަކު އެއީ ނާއިފް ގަބޫލު ކުރާ ކަމެއް ނޫނެވެ. އެއީ މުސްކުޅިން ދައްކާ ހަމަ ނުޖެހޭ ވާހަކަތަކެއް ކަމަށް ނާއިފް ގަބޫލު ކުރެއެވެ. އިރުއޮއްސި އަނދިރިވާން ފެށުމުން ނާއިފްވެސް ގެއަށް ދާން ހިނގައިގަތެވެ. ގެއާއި މާ ދުރުނޫން ކަމުން ވަރަށް އަވަހަށް ގެއަށް ދެވިއްޖެއެވެ. ގެއަށް ދިޔައިރު ކޮއްކޮ އުރާލައިގެން މަންމަ ބަދިގެ ތެރޭގައި އުޅެއެވެ. ބައްޕަވެސް މަހުން ލަފައިގެން އައިސް މަސްކަނޑަން އިނެވެ.

"މިއަދުވެސް މަސްބާނަން ދިޔައީ ދޯ. މަންމަ ބުނަމެއްނު އިރުއޮއްސެންދެން އަތިރިމަތީގައި ނޫޅޭށޭ"

މަންމަ ނާއިފަށް ނަސޭހަތްތެރިވިއެވެ. އެވާހަކަ ތަކެއް ނާއިފަކަށް އަޑުއިވުނު ކަމަކަށް ނުވިއެވެ. އެދިޔަގޮތަށް ގޮސް ގިފިއްޔަށް ވަދެއްޖެއެވެ. ވާނީވެސް އެހެންތާއެވެ. ނާއިފަށް ބޭނުންވާ ހުރިހައި ކަމެއް މައިންބަފައިން ކޮއްދެއެވެ. ނާއިފަށް ދަތި އެއްވެސް ކަމެއް ނުއޮވެއެވެ. އޮފީހަށް ދާން ހޭލާނީވެސް މަންމަ ގޮވާތާ އެތަށް އިރެއް ފަހުންނެވެ.

ހުކުރުދުވަހުގެ ހަވީރުގެ ވަގުތެވެ. ނާއިފް ދިޔައީ މާމަމެންގެ ގެއަށެވެ. އެ ގެ ހުންނަނީ ވަރަށް ދުރުގައެވެ. އެސަރަހައްދަށް މީހުން ކިޔަނީ އުތުރު އަވަށެވެ. މާމަ މުސްކުޅި ކަމުން މިހާރު ހިނގާވެސް ނޫޅެވެއެވެ. ކާންދެނީވެސް މަންމައެވެ. މާމަ ދެކެ ނާއިފް ވަރަށް ލޯބިވެއެވެ. ކޮންމެ ދުވަހަކުވެސް މާމަގެ ގާތުގައި ގިނަވަގުތު ހޭދަކުރެއެވެ. މަޢްރިބް ނަމާދުން ފައިބައިގެން ކޮންމެ ރެއަކުވެސް މާމަ ގާތަށް ޒިޔާރަށް ކޮއްލުމަކީ ނާއިފްގެ އާދައެކެވެ.

މާމަގާތުގައި އިނދެފައި ނާއިފް ގެއަށް ދާން ހިނގައިގަތެވެ. އެއިރު ގަޑިން އެގާރަ ޖަހާފާނެއެވެ. މަގުމަތީގައި މީހަކު ފެންނާކަށް ނެތެވެ. ނާއިފަކަށް މާދުރަކަށް ދެވޭވަރެއް ނުވިއެވެ. ވާރޭ ވެހިގެންފިއެވެ. ވަންނާނެ ހިޔަލެއްވެސް ނެތެވެ. މިހިސާބު ގޭގެ މީހުން ތިބީ ނިދާފައެވެ. ނާއިފް ދުއްވައިގަތެވެ. ކައިރީގައި ޖެހިގެން ހުރި ގެއަށް ވަދެއްޖެއެވެ. އެއީ މީހުން ނޫޅޭ ފަޅުގެއެކެވެ. އެކަމަކު އެ ގެ ހިޔާކޮއްފައި ހުރުމުގެ ސަބަބުން ވާރެއިން ސަލާމަށްވިއެވެ. އަދިވެސް ވާރޭ ވެހެއެވެ. ހުއްޓާލާނެ އިރެއްވެސް ނޭނގެއެވެ. ނާއިފް ހުރީ ކޮންމެވެސް ވަރަކަށް ތެމިފައެވެ. ހީކަރުވަން ފަށައިފިއެވެ. އެކަމަކުވެސް ކުރާނީ ކީއްހެއްޔެވެ. ތެމިގެން ދާނީބާއެވެ. ނުވަތަ ވާރޭ ހުއްޓާލަންދެން މަޑުކުރާނީބާއެވެ. އެކަމަކު އެކަނި މިތާ ފަޅު ގެއެއްގައި ހުންނާކަށްވެސް ނުކެރޭނެއެވެ.

"ކޮއްކޯ މިތާ އެކަނި ކީއްތަ ތިކުރަނީ"

މީހަކު އެހެން ބުނެލިއަޑަށް ނާއިފް ދިޔައީ ސިއްސައިގެންނެވެ. ނާއިފް ފަހަތަށް އެނބުރި ބަލައިލިއެވެ. އެއީ މިރަށުގެ ދޮންހައްވައެވެ. އެއީ ކުޑަކޮށް ބޯސަކަރާތްވެފަ ހުންނަ މީހެކެވެ. ދޮންހައްވަ އަބަދުވެސް އުޅެނީ މިގޮތަށެވެ. އޭނަގެ ނިދުމެއް ނުއޮވެއެވެ. ރޭގަނޑު އުޅޭނީ ރަށުތެރޭގައެވެ.

"އެކަނި ގެއަށް ދާން ނުކެރިފައި ދޯ ތިހިރީ" ނާއިފް ޖަވާބު ނުދިނުމުން ދޮންހައްވަ ބުނެލިއެވެ.

"ވާރޭ ވެހޭތީ ގެއަށް ނުދެވިފައި މިހިރީ" ނާއިފް ބުނެލިއެވެ.

" ހިނގާ އަހަރެންނާއި އެކުގައި ގެއަށް ދާން. ގެންގޮސްދީފާނަމޭ" ދޮންހައްވަ ހީލިއެވެ. ނާއިފް އެކަމަށް އިންކާރު ކުރިއެވެ. އެކަހަލަ ބޯހަމަނުޖެހޭ މީހަކާއި އެކީ މިހާ ލަސްގަޑިއެއްގައި ދިއުމަކީ އެހާ ބުއްދިވެރި ކަމެއް ކަމަކަށް ނާއިފަށް ނުވިސްނުނެވެ.

" އަހަރެން މުސްކުޅިވީދޯ. ތީ ތިކަހަލަ ޒުވާން ކުދިންގެ ފާޑޭ " ނާއިފް އާއި ގާތްވެލަމުން ދޮންހައްވަ ބުނެލިއެވެ. ނާއިފް ބިރުގެންފިއެވެ. ދޮންހައްވަ ކޮންމެފަދަ ކަމެއްވެސް ކޮއްފާނެތީއެވެ. ނާއިފް ގެއަށް ދާން ހިނގައިގެންފިއެވެ. ތެމުނަސް ހެޔޮކަމަށެވެ. އެއަށް ވުރެ ދޮންހައްވަގެ ކިބައިން ސަލާމަތްވާން ނާއިފް ބޭނުމެވެ. ގެއަށް އާދެވުނުއިރު ހުރީ ތެމިފޯވެފައެވެ. މަންމަމެންވެސް ތިބީ ނިދައިފައެވެ. ހެދުން ބަދަލު ކޮއްލައިގެން އަވަހަށް ނިދަން އެނދަށް އަރައިފިއެވެ. ބިރުގެންފައިވާ ބޮޑުކަމުން ހުންވެސް އަންނަހެން ހީވެއެވެ.

ހެނދުނު ނާއިފަށް ހޭލެވުނީ މަންމަ ގޮވާ އަޑަށެވެ. ނާއިފް ތެދުވެގެން ގޮސް ގިފިއްޔަށް ވަނެވެ. ފެންވަރައިގެން ނިކުތް އިރު މަންމަ ސައި ހަދައިފައި ހުއްޓެވެ. ނާއިފް ސައިބޯން މޭޒް ދޮށުގައި އިށީނެވެ." ރޭގަ ކިހާއިރަކު ގެއަށް އައީ " މަންމަ ސުވާލު ކުރަންފެށިއެވެ.

" ވާރޭ ވެހެން ފެށީމަ މާމަމެންގެ ގޭގައި މަޑު ކޮއްލީ " ނާއިފް ދޮގެއް ހަދާލިއެވެ.

ސައިބޮއިގެން ގޮސް ކޮޓަރީގައި ނާއިފް އޮށޯތެވެ. ނާއިފް އޮތީ ހުންއައިސްފައެވެ. ރޭގައި ވާރެއާއި ތެމުނީމަކަށްވެސް ވެދާނެއެވެ. ނާއިފްގެ ފޯނު ރިންގްވާންފަށައިއެވެ. ނާއިފް ފޯނުނަގައި ބަލައިލިއެވެ. އޮފީހުންނެވެ. ނާއިފް ފޯނަށް ޖަވާބު ދިނެވެ.

" އޭ އޮފީހަށް އާދެބަލަ " އޮފީހުން ވާހަކަ ދެއްކީ ސަލީމެވެ.

" އަހަރެން މިއަދު މިއުޅެނީ ހުންއައިސްގެން. ހިއެއްނުވޭ ދެވޭނެހެން " ނާއިފް ބުނެލިއެވެ.

" ކޮންމެހެންވެސް މިއަދު ނިންމަން ޖެހޭކަމެއް. ނާއިފް އައިސްގެން މިކަން ވާން އޮތީ" ސަލީމް ބުނެލިއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް މިއަދު އޮފީހަށް ދާން ޖެހުނީއެވެ. ނާއިފް ތައްޔާރުވެލައިގެން އޮފީހަށް ދާން ހިނގައިގެންފިއެވެ. އޮފިހަށް ވަންއިރު އޮފީހުގެ ގިނަކުދިން އުޅެއެވެ. ނާއިފް ފެނުމުން ސަލީމް ހީލިއެވެ. ބަލިވެއޮއްވާ ގެނެވުނީތީ މަޢާފަށް އެދުނެވެ. މާދަމާ ބަޔަކު އަންނާތީ އެކަމަށް އޮފީސް ތައްޔާރުވަނީއެވެ. އޮފީހުގެ ހުރިހާ ފައިލްތައް ހާވަން ޖެހުނީއެވެ. މަސައްކަތް ނިމުނީ އިރުއޮއްސެން ގާތްވެފައިހުއްޓައެވެ. ގެއަށް އާދެވުނުއިރު ނާއިފް ހުރީ ވަރުބަލިވެފައެވެ. މިއަދު މަސްބާނަކަށްވެސް ނުދެވުނީއެވެ. ފެންވަރައިލައިގެން މާމަމެންގެ ގެއަށް ދާނަމޭހިތާ އޮށޯވެލިއެވެ. ނާއިފްއަށް ހޭލެވުނީ ރޭގަނޑު އަށެއްވެސް ޖެހިފަހުންނެވެ. ހެނދުނު އޮފީހަށް ދާން ޖެހޭތީވެ އަނެއްކާވެސް ނިދާލީއެވެ.

ހެނދުނު ނާއިފްއަށް ހޭލެވުނީ އާދައިގެމަތިން މަންމަ ގޮވާއަޑަށެވެ. ނާއިފް ގަޑިބަލައިލިއެވެ. ގަޑިޖެހެން ކައިރިވަނީއެވެ. ނާއިފް ކޮނޑަށް ދުވާލި އެއްލައިގެން ގިފިއްޔާ ދިމާލަށް ދުއްވައިގަތެވެ. މަންމަ ދިޔައީ ސައިހަދާށެވެ.

" ދަރިފުޅާ އާދޭ ސައިބޯން " ނާއިފް އައިސް ކޮޓަރިއަށް ވަންތަނާ މަންމަ ބުނެލިއެވެ.

" ނޫން މިހާރު ގަޑި ޖެހެނީ. ފަހުން ސައިބޯން އަންނާނަން " ނާއިފް އޮފީހަށް ދާން ހިނގައިގަތެވެ. ގަޑި ނުޖެހި އޮފީހަށް ދެވުނީ ހަމަ ކިރިޔާއެވެ. އޮފީސް ކުދިން ބަނދަރަށް ދާން ތައްޔާރުވަނީއެވެ. ނާއިފްވެސް އެމީހުންނާއި އެކު ބަނދަރަށްދާން ހިނގައިގެންފިއެވެ.

" އޭ އަދި މަޑުކުރޭ އަހަރެންނާއި އެކީގައި ދާން. އެމީހުން ލަފާނީވެސް އަދި ގަޑިއެއްހާއިރު ފަހުން " ސަލީމް ނާއިފް ދާންފެށުމުން ބުނެލިއެވެ.

" އާނ މަޑުކޮއްލާނަން. އެމީހުންނާއި އެކީގައި ދާން މިއުޅުނީ " ނާއިފް ބުނެލިއެވެ.

" އެއީ އަންހެން ކުދިންވީމަ ދޯ. ތިހެންވެސް ވާނެ ޒުވާން އުމުރުގައި " އެހެން ބުނެލާފައި ސަލީމް ކޮފީ ބޯންފަށައިފިއެވެ.

ލޯންޗް ލަފާތަނަށް ދެވުނީ ހަމަ ކިރިޔާއެވެ. އެއިރު އެމީހުން ލޯންޗުން ފައިބަނީއެވެ. ނާއިފްމެން އެމީހުންނާއި ހަވާލުވިއެވެ. އެމީހުން ގޮވައިގެން ނާއިފްމެން ދިޔައީ އެމީހުން ތިބުމަށް ހަމަޖައްސާފައިވާ ގެއަށެވެ. އެމީހުންގެ މަސައްކަތް ފެށުމަށް ހަމަޖައްސާފައިވަނީ މާދަމާ ހެނދުނުއެވެ. އެމީހުން އެގެއަށް ގެންގޮސްފައި އޮފީސްކުދިން ދިޔައީ އެކުދިންގެ ގެއަށެވެ. މާދަމާ އެމީހުންގެ މަސައްކަތާއިގެން ކުރިއަށް ދިއުމަށެވެ.

ނާއިފް ތައްޔާރުވަމުން ދިޔައީ މަސްބާނަން ދިއުމަށެވެ. އިރު އޮއްސޭން ގާތްވާތީއެވެ. މިގަޑިއަކީ ނާއިފް އާއްމުކޮށް މަސްބާނަން ދާގަޑިއެވެ. ދޮށި ހިފައިގެން ނާއިފް ހިނގައިގެންފިއެވެ. މިހާރުވެސް މާލަސްވެއްޖެއެވެ. އިރު އޮއްސެނީއެވެ. މިރޭ އަވަހަށް އަންނަންވެސް ވާނެއެވެ. މެހެމާނުންގެ ކަންތައް ވާނުވާ ބަލަންވެސް ޖެހޭނެއެވެ. އަތިރިމައްޗަށް ދެވުނުއިރުމާގިނަ ބަޔަކު ފެންނާކަށް ނެތެވެ. އެތަކެއްވީއިރުވެސް މަހެއް ބޭނޭ ގޮތެއް ނުވިއެވެ. އިރު އޮއްސުމާއިއެކު ނާއިފް ގެއަށް ދާން ހިނގައިގެންފިއެވެ.

" އޭ ފިލައިގެން ދޯ ތި އުޅެނީ " މީހަކު އެހެން ބުނެލިއަޑަށް ނާއިފް ފަހަތަށް އެނބުރި ބަލައިލިއެވެ. ފަހަތުގައި ދޮންހައްވަ ހުއްޓެވެ. ނާއިފް އަޅައެއް ނުލައެވެ. އެއައި ގޮތަށް އައީ ގެއަށެވެ. މިރޭ އެމީހުންގެ ޝަރަފުގައި ފަރިއްކޮޅަކާއި ޝޯއެއްވެސް އެބައޮތެވެ.

ނާއިފް ފެންވަރައިލައިގެން ދިޔައީ ސްކޫލަށެވެ. މިރޭގެ ޝޯގެ ކަންތައް ދިޔަ ހިސާބެއް ބަލައިލުމަށެވެ. ނާއިފަށް ސްކޫލަށް ދެވުނުއިރު އެމީހުންގެ ތެރެއިން ބައެއް މީހުން ސްކޫލްގެ ގޯތިތެރޭގައި ތިއްބެވެ. ނާއިފްވެސް ގޮސް އެމީހުންގެ ގާތުގައި މަޑުކޮއްލިއެވެ.

" ހާދަ އަވަހަކަށް ތިވަޑައިގެންނެވީ " ނާއިފް އެމީހުންނާއި މުޚާތަބްކޮށް ބުނެލިއެވެ.

" އާނ ދެން ތަންކޮޅެއް އަވަހަށް ނިމުނީމަ މިއައީ " އެމީހުން ބުނެލިއެވެ.

ނާއިފް އެމީހުން ގޮވައިގެން ސްކޫލްގެ ހޯލުތެރެއަށް ވަދެއްޖެއެވެ. އެއިރު މާގިނަ ބަޔަކު ނޫޅެއެވެ. އުޅެނީ އޮފީހުގެ ދެތިން މުވައްޒަފެކެވެ. ސްކޫލްގެ ގޯތި ތެރެއިން މަޑުމަޑު މިއުޒިކެއްގެ އަޑު އިވެމުންދެއެވެ. އެކި ދިމަދިމާލުން ކުލަބޮކި ދިއްލެމުން ދެއެވެ. " ނާއިފް ދޭބަލަ މިކުދިން ގޮވައިގެން ފިހާރައަކަށް " ސަލީމް ބުނެލިއެވެ.

" އޯކޭ ކޮން ކުދިންނެއް ދާނީ " ނާއިފް ބުނެލިއެވެ.

" އަހަރެމެން ދާނަން " ހުރިހާ އަންހެން ކުދިން ކަހަލަ ގޮތަކަށް ބުނެލިއެވެ.

އެންމެން ހިނގައިގަތީ ފިހާރައަށް ދާށެވެ. ނާއިފް އިސްކޮށް ހުރެގެންނެވެ. ފިހާރަތަކަށް ވަދެ ވިޔަފާރި ކޮއްލައިގެން ސްކޫލަށް އާދެވުނުއިރު ހުރީ ޝޯވ ފެށިފައެވެ. ނާއިފްވެސް އެމީހުންނާއިއެކު ހޯލުތެރޭގައި އިށީނެވެ. ޝޯވ ވަރަށް މަޖަލެވެ. އެވާހަކަ އެންމެވެސް ދެއްކިއެވެ.

" މިރަށުގެ މީހުން ވަރަށް ރަނގަޅު ދޯ " ނާއިފް ގާތުގައި އެމީހުންގެ ތެރެއިން އައިޝާ އެހިއެވެ.

" އާނ ވަރަށް ރަނގަޅުވާނެ " ނާއިފް ޖަވާބު ދިނެވެ. އެމީހުން ވަރަށް މަޖަލެވެ. އޮފީސް ދަތުރެއްގައި އައިސްގެން އުޅޭ ބައެއްހެންވެސް ހިއެއްނުވެއެވެ.

" އަދި ނަމެއްވެސް ނޭނގޭ. ކޮންނަމެއް ކިޔަނީ. އަހަރެން ވަރަށް އަނގަ ގަދަވާނެ އިނގޭ " ވަހީދާ އަހާލިއެވެ.

ނާއިފް އޭނަގެ ތަޢާރަފެއް ދިނެވެ. އަދި އެމީހުންގެ ގެއަށް ކެއުމަކަށް ދަޢުވަތު ދިނެވެ. ޝޯވ ނިންމާލާފައި ގެއަށް ދެވުނުއިރު ހުރީ އެކެއް ޖަހަން ގާތްވެފައެވެ.

(ނުނިމޭ)