ތާލިބާންގެ ސަރަހައްދުން އަންނާނެ ޓެރަރިޒަމްގެ އަމަލަކީ، ބޮޑެތި ބާރުތަކުގެ އެންމެ ބޮޑު ނުތަނަވަސް ކަމެވެ. ތާލިބާންގެ އައު ސަރުކާރު އެއްވެސް ގައުމަކުން އަދި ބަލައިގެންފައެއް ނުވެއެވެ. ތާލިބާނުން ތިބީ އަމިއްލަ ވާދަވެރިކަމެއް ގައެވެ. އެތެރޭގެ ކޯޅުންތައް ގިނައެވެ. ހަދުފަހަނައަޅާފައިވާ ހަރުކަށި މީހުން ވަނީ ތާލިބާނުންގެ ތެރޭގައި ހިމެނޭ މަދު މަޑުމައިތިރި މީހުންގެ އަޑު ހިންދާލުމަށް މަސައްކަތް ކޮށްފައެވެ. އެމީހުން އެކަހެރިކޮށްލައި ވެރިކަމުގައި އެމީހުންގެ ބާރު ކުޑަ ކޮށްލާފައި ވެއެވެ.
ތާލިބާނަށް، އަފްޣާނިސްތާންގެ ހަރުކަށި ޖަމާއަތްތައް ކޮންޓްރޯލު ކުރެވޭނެ ކަމާމެދު ސިޔާސަތުދާން މުހައްލިލުންނާއި އަސްކަރީ ތަޖުރިބާކާރުން ޝައްކު ކުރެއެވެ. އަދި ތާލިބާނަށް އެމީހުންގެ އަމިއްލަ ހަނގުރާމަ ވެރިންގެ މައްޗަށް ބާރު ހިންގޭނެ ކަމާ މެދުވެސް ޝައްކު ކުރެއެވެ.
އިންޑިއާއާއި ރަޝިޔާއަކީ، އަފްޣާނިސްތާން މައްސަލާގައި ތަފާތު ދެ ކޭމްޕެއްގައި ހިމެނުނު ދެ ގައުމެކެވެ. އިންޑިއާއިން ރައީސް ޣަނީގެ ސަރުކާރަށް ތާއީދު ކުރިއެވެ. ރަޝިޔާއިން އޮތީ ދުރުގައި ބަލަހައްޓައިގެންނެވެ. ނަމަވެސް ދެގައުމުން ވަނީ ތާލިބާންގެ ވެރިކަމާއެކު އަފްޣާނިސްތާން އެއް ލެންސަކުން ބަލަން ފަށާފައެވެ.
އިންޑިއާއަށް ކަޝްމީރު އޮތް ފަދައިން ރަޝިޔާއަށް އެމީހުން ނުތަނަވަސް ވާން ޖެހޭ ދާޣިސްތާނާއި ޗެޗްނިޔާ އެބަ އޮތެވެ.
ޗައިނާއިން ތާލިބާންގެ ސަރުކާރު ބަލައިގެންފައެއް ނުވެއެވެ. ނަމަވެސް ތާލިބާނަށް އެހީދޭން ޗައިނާ އޮތީ ތައްޔާރަށެވެ. ޝިންޖިއާންއަކީ ޗައިނާ ނުތަނަވަސްކޮށްލާ މަރުކަޒެވެ.
އަފްޣާނިސްތާންގެ އަވަށްޓެރި އީރާނުން ވަނީ ތާލިބާނުން ހަޒާރާއިންނަށް ދީފައިވާ ހަމަލަތަކުން ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. ޕަންޖްޝޭރް ވާދީގެ ހަމަނުޖެހުމުގައި ތާލިބާނަށް އީރާނުން ވަނީ ސާފު ބަހުން ފާޑު ކިޔާފައެވެ. އަދި ޕަންޖްޝޭރް ވާދީގައި ޕާކިސްތާނުން ތާލިބާނަށް އެހީވެ ދިންކަމަށްވެސް އީރާނުން ތުހުމަތު ކުރެއެވެ.
ޕަންޖްޝޭރް ވާދީއަކީ ޝީއީން ގިނަ ސަރަހައްދެކެވެ. އަދި އެހެން ބައިމަދު ދަރިކޮޅުންވެސް މީހުން ޕަންޖްޝޭރްގައި ހިމެނެއެވެ.
އީރާންގެ ރައީސް އިބްރާހީމް ރައީސީ ވަނީ އަފްޣާނިސްތާންގައި އައު އިންތިޚާބެއް ބޭއްވުމަށް ގޮވާލައްވާފައެވެ. ތާލިބާނުން ވަނީ މިކަމާ ދެކޮޅު ހަދާފައެވެ.
އަފްޣާނިސްތާނާއި އިންވެގެން އޮންނަ ސެންޓްރަލް އޭޝިއާ ސަރަހައްދުގެ ފަސް ގައުމުގެ ނުތަނަވަސް ކަމަކީވެސް ޓެރަރިޒަމާއި އިސްލާމީ ހައްދުފަހަނައަޅައި ދިއުމެވެ. ތުރުކުމާނިސްތާނާއި ތަޖިކިސްތާނާއި އުޒުބެކިސްތާނަކީ އަފްޣާނިސްތާންގައި އެމީހުންގެ ބައިމަދު ދަރިކޮޅުގެ މީހުން ހިމެނޭ ގައުމުތަކެވެ. މި ގައުމުތަކަށް ނިސްބަތްވާ ދަރިކޮޅުތަކަކީ ތާލިބާނާ ދެކޮޅަށް ޕަންޖްޝޭރްގައި ހަނގުރާމަ ކުރާ މީހުންނެވެ.
ހަމައެފަދައިން ފަރަންސޭސިންނާއި ވިލާތު އިއްތިހާދުގެ ޖަމާއަތުން ދަނީ ހުރިހައި ފަރާތެއް ހިމެނޭ ސަރުކާރެއް އެކުލަވާލުމަށް ބާރު އަޅަމުންނެވެ.
އިނގިރޭސިވިލާތުން އަފްޣާނިސްތާންގައި ދައުރެއް ކުލެން ބޭނުން ވެއެވެ. ނަމަވެސް އިސްތިއުމާރުގެ ހުތުރު މާޒީން އިނގިރޭސިންނަށް ފުރުސަތެއް ނުދެއެވެ. އެހެނވެ، އިނގިރޭސި ސިފައިންގެ ވެރިޔާ ޖެނެރަލް ކަރޓަރ ގެންދަވަނީ ތާލިބާންގެ ސަރުކާރުގައި ހުރިހައި ފަރާތެއް ހިމެނުމަށް ޕާކިސްތާނުން މަސައްކަތް ކޮށްދިނުމަށް ބާރުއަޅއްވަމުންނެވެ.
ޕާކިސްތާންގެ ޖާސޫސީ އިދާރާގެ ވެރިޔާ އަފްޣާނިސްތާނަށް ޒިޔާރަތް ކުރެއްވުމުން ތާލިބާނުންގެ މައްޗަށް އޮތް ޕާކިސްތާންގެ ނުފޫޒު ވަރަށް ސާފުކޮށް ފެނެއެވެ.