ޗައިނާގެ ރައްޔިތުންގެ ދިރިއުޅުމުގެ ހުރިހައި މައިދާނެއް ކޮންޓްރޯލުކުރުމަށް ޗައިނާއިން އަޅަމުންދާ ފިޔަވަޅުތައް އިތުރުކޮށް ހަރުދަނާ ކޮށްފިއެވެ. ޚާއްސަ ގޮތެއްގައި ކިޔަވާ ކުދިން އުޅެން ވާނެ ގޮތް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.
އައު ގަވާއިދުތައް ބުނެދެނީ، ދަރިވަރުން ކުޅެން ވާނެ ވީޑިއޯ ގޭމްތަކާއި ސްކޫލުގެ ފަހުން ކުދިން ކިޔަވަން ތިބޭނެ ގަޑިތަކާއި މުނުފޫހިފިލުވައިދޭ ދާއިރާގެ ފަންނާނުންގެ ތެރޭން ޒުވާނުން ގަޔާވާންވީ މީހުންނާއި ބަލަން އެކަށީގެންވާ ޓީވީ ޕްރޮގްރާމްތަކާއި ފަންނާނަކަށް ތާއީދުކުރުމުގެ ގޮތުން ޒުވާނުން ހިންގަންވާ ޖާއިޒު ހަރަކާތްތަކެވެ.
ތަޖުރިބާކާރުން ބުނާ ގޮތުން ޗައިނާ ރައީސް ޝީގެ އައު ގަވާއިދުތަކާއި އެންގުންތަކުން މީހުންނަށް މިނިވަންކަމުގެ ދާއިރާއާއި ލިބިގެންވާ އިޚުތިޔާރުތައް ދަނީ އިތުރަށް ހަނިވަމުންނެވެ.
ޗައިނާ ރައްޔިތުންގެ ތެރޭން ބަޔަކު ވަނީ ޒުވާނުން ވީޑިއޯ ގޭމަށް ހޭދަކުރާ ވަގުތު ހަނިކުރުމުގެ ގަވާއިދަށް ތާއީދުކޮށްފައެވެ. ނމަވެސް މީހުން ގަޔާވާންވީ ފަންނާނުންނާއި ބަލަންވީ ޓީވީ ޕްރޮގްރާމުތަކާއި ލޯބިވާ ފަންނާނުންނަށް ތާއީދުކުރަންވީ ގޮތް ކޮމިއުނިސްޓް ޕާޓީން ކިޔައި ދިނުމުން ކަންކަން މާ މައްޗަށް ދަނީކަމަށް މީހުން ދެކެއެވެ.
ޗައިނާއިން މަޑުމަޑުން އިޖުތިމާއީ ގޮތުންނާއި ސިގްތިސާދީ ގޮތުން މީހުން ދުރާލައިގެން ކޮންޓްރޯލް ކުރުމަށް ފިޔަވަޅު އަޅލަމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ޗައިނާގެ މުހައްލިލުން ބުނާ ގޮތުން މިއީ ޗައިނާ ރައީިސް ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ އައު ކޮމިއުނިސްޓް ޗައިނާގެ ޒަމާނަށް ޒުވާނުން ބައްޓަން ކުރުމަށް ކުރެވޭ މަސައްކަތެކެވެ.
ޗައިނާގެ 20 ވަނަ ޕާޓީ ކޮންގްރެސްގައި ޝީ ޖިންޕިން އޭނާގެ ވެރިކަމުގެ ތިން ވަނަ ދައުރަށް ކުރިމަތިލާނެއެވެ. އޭނާ ވަނީ އުމުރުދުވަހަށް މަގާމުގައި ހުންނެވޭ ގޮތަށް ގާނޫނީ ބަދަލުތައް ގެނަސް ސިފައިން އޭނާގެ ބާރުގެ ދަށަށް ގެންނަވައި ފާޑުކިޔާ ފަރާތްތަކަށް ކޮރަޕްޝަންގެ ތުހުމަތުތަކާއެކު ހުރަގެތަކަށް ލައި ބަންދުކޮށްފައެވެ.
ޗައިނާއިން ދަނީ ޒާތީ މިނިވަންކަން ލިބިފައިވާ ޓިބެޓް މީހުންނާއި މުސްލިމުންނާއި މޮންގޯލް މީހުންނަށްވެސް ޗައިނާގެ ގައުމީ ބަސް ދަސްކޮށްދީ، އެމީހުން ޗައިނާ މުޖުތަމައަށް ފާއްދާލުމަށްޓަކައި ސަގާފީ އިޖުތިމާއީ ބަދަލުތައް ގެންނަމުންނެވެ.
ޝިންޖިއާންގައި އަމިއްލަ ވަންތަކަމެއް ދައްކާ މީސްމީހުން އިސްލާހިއްޔާ ހުރަގެތަކަށް ލެވެއެވެ.