އާސެނަލްއަށް މިދުވަސްވަރު ދަށް ނަތީޖާތަކެއް ލިބެމުންދިޔަ ނަމަވެސް އޭނާގެ އުއްމީދަކީ ކައިރި މުސްތަގްބަލެއްގައި އެކްލަބާއެކު އިނގިރޭސި ޕްރިމިއަރ ލީގާއި ޔުއެފާ ޗެމްޕިއަންސް ލީގް ކާމިޔާބު ކުރުން ކަމަށް ދާއިމީ އެއްބަސްވުމެއްގެ ދަށުން މިސީޒަނުގައި އެކްލަބާ ގުޅުނު ނޯވޭގެ އުއްމީދީ އެޓޭކިންގ މިޑްފީލްޑަރު މާޓިން އޮޑެގާޑް ބުނެފިއެވެ.
"މިސީޒަނުގައި ލީގް ގަދަ ހަތަރެއްގައި ނިންމައި ޔޫރަޕުގެ މުބާރާތްތަކުން ކުރިއަށް އޮތް ސީޒަނަށް ޖާގަ ހޯދަން ބޭނުން. ހަމައެއާއެކު މުދުރުނޫން މުސްތަގްބަލެއްގައި ޗެމްޕިއަންސް ލީގާއި ޕްރިމިއަރ ލީގް އާސެނަލްއާއެކު ކާމިޔާބު ކުރަން ބޭނުން" އޮޑެގާޑް،22، ބުންޏެވެ.
އާސެނަލް އެންމެފަހުން ޗެމްޕިއަންސް ލީގުގައި ވާދަކުރީ 17/2016 ސީޒަނުގައެވެ. އެފަހަރު ގްރޫޕް އޭ ގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން އާސެނަލް ޖާގަ ހޯދިއެވެ. އެކަމަކު ދެވަނަ ބުރުގައި ބަޔާން މިޔުނިކް އަތުން 10-2 ގެ ބޮޑު އެގްރިގޭޓުގެ ނަތީޖާއަކުން ބަލިވެ ކެޓީއެވެ. އަނެއްކޮޅުން ޕްރިމިއަރ ލީގް އެންމެފަހުން ކާމިޔާބު ކުރެވިފައި ވަނީ 2004 ވަނަ އަހަރުއެވެ.
"ޕޮއިންޓް ތާވަލުގައި އާސެނަލް އެންމެ މައްޗަށް ޖައްސައި ޔޫރަޕުގެ ތައްޓަށް ވާދަކުރަމަކީ ހަގީގަތުގައި އާސެނަލްގެ ފެންވަރު ހުންނަން ޖެހޭ ހިސާބަކީ' އޮޑެގާޑް ބުންޏެވެ.
ލީގުގައި ކޮންމެ ޓީމަކުންވެސް މިހާތަނަށް 3 މެޗް ކުޅެފައިވާއިރު އާސެނަލް އޮތީ ކުޅުނު ތިން މެޗުންވެސް ބަލިވެ ގެއްލުން 9 ލަނޑާއެކު ތާވަލުގެ އެންމެ ފުލުގައެވެ. މިތިން މެޗުގައި އާސެނަލްއަށް ލަނޑެއް ކާމިޔާބު ކުރެވިފައެއްވެސް ނުވެއެވެ. މިއީ އާސެނަލްގެ ތާރިހުގައި ޕްރިމިއަރ ލީގުގައި އެޓީމުން ކުޅުނު ފުރަތަމަ ތިން މެޗުގައި ނެރެވުނު އެންމެ ދަށް ނަތީޖާއެވެ.
ލީގުގައި މިރޭ އަމިއްލަ ދަނޑުގައި އާސެނަލް ނިކުންނާނީ ނޯވިޗް ސިޓީއާ ދެކޮޅަށެވެ. މިމެޗް ފަށާނީ ރާއްޖޭ ގަޑިން 19:00 ގައެވެ.