އެމެރިކާގައި މުޒާހަރާއަށް ނިކުތުމަށް ގޮވާލާ މީސްމީޑިއާގެ އެކައުންޓްތައް ކުއްލިއަކަށް ގިނަވެފައިވާ ކަމަށް މަޢުލޫމާތުގެ ރަސްމަގުގެ ހިރާސްއާ މެދު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އެމެރިކާއާއި އެހެން ހިސާބު ހިސާބުން ކުއްލިއަކަށް ޓުއިޓާއާއި އެފްބީއާއި މީސްމީޑިއާގެ އެހެން ވަސީލަތްތައް ބޭނުންކޮށްގެން ތަފާތު އެކައުންޓްތަކުން އެމެރިކާގައި މުޒާހަރާއަށް ގޮވާލާފައިވާ ކަމަށް ބުނެއެވެ. މިފަރާތްތަކުން އެމެރިކާގައި މީހުންގެ މެދުގައި ސަރުކާރާ ދޭތެރޭގައި އޮންނަ ކޮވިޑާ ބެހޭ ދެބަސްވުންތަކުން ފައިދާ ނަގައިގެން މީހުން މުޒާހަރާއަށް ނިކުތުމަށް ގޮވާލައެވެ. އަދި އޭގެ ކުރިން އެމެރިކާގައި އޭޝިއާ މީހުންނާ ދެކޮޅަށް ހަމަލަތައް ދިނުމުންވެސް މުޒާހަރާއަށް ގޮވާލާފައިވާ ކަމަށާއި ކޮވިޑްގެ އަސްލާ މެދު އެމެރިކާއިން ސުއާލު އުފައްދާތީ އެކަމާ ދެކޮޅަށް އަޑު އުފުލުމަށްވެސް ގޮވާލާފައި ވެއެވެ.
ގޫގްލްގެ ތްރެޓް އެނާލިސިސް ގްރޫޕާއި އެފަދަ އެހެން ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި މި ގޮވެތިތަކުގައި އެއްގޮތްވާ ކަންކަމަކީ، ޗައިނާއަށް ތާއީދު ކުރުމަށް ގޮވާލާކަމެވެ.
މިފަރާތްތަކުގެ ގޮވެއްޔަށް މީސްމީޑިއާގައި މޫލާފައިވާ އެކައުންޓްތަކުން މާބޮޑު ތަރުހީބެއް ލިބިފައި ނުވާކަމަށްވެސް ބުނެއެވެ. ނަމަވެސް މިފަދަ އެކައުންޓްތަކުގެ ބިރަކީ މި ފަރާތްތަކުން ގެންގުޅޭ އުކުޅުތަކާއި ވަގުތާއި ގެންގުޅޭ ތީމްތައް ތަފާތުކޮށްލާ ކަމެވެ. އަދި ހަމަނުޖެހުން އުފެއްދުމަށް ކުރިމަގުގައި މިފަދަ މަސައްކަތްތައް ކާމިޔާބު ކޮށްފާނެ ކަމަށް ހުޝިޔާރުވެ ތިބުމަށްވެސް ތްރެޓް އެނާލީސިސް ގްރޫޕުން ބުނެއެވެ.