އޮސްޓްރޭލިއާއާއި އިންޑިއާގެ ޚާރިޖީ ވަޒީރުންނާއި ދިފާއީ ވަޒީރުންގެ ބައްދަލުވުން އިއްޔެ ބާއްވައިފިއެވެ. މިއީ އިންޑިއާއިން އަލަށް ފަށާފައިވާ 2+2ގެ ބައްދަލުވުންތައް އޮސްޓްރޭލިއާއާއެކު ބެއްވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެމެރިކާއާއެކު މިގޮތަށް ބައްދަލު ވުން ބާއްވާފައި ވެއެވެ.

އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރާއި ދިފާއީ ވަޒީރު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އިންޑިއާގެ ބޮޑު ވަޒީރާ ބައްދަލުކުރައްވާފައި ވެއެވެ.

ދެ ގައުމުން މަޝްވަރާ ކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި އެމެރިކާއާއި ޖަޕާނާއި މި ދެގައުމުން ގުޅިގެން އެކުލަވާލާފައިވާ ކުއޯޑް ޖަމާއަތާއި އަފްޣާނިސްތާންގެ މަސްރަހު އަދި ޓެރަރިޒަމާއި އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގައި ސަލާމަތީ ކަންކަމާ ބެހޭ މަޝްވަރާތައް ހިމެނެއެވެ.

އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު މެރީސް ޕޭން ވިދާޅުވިގޮތުގައި ކުއޯޑް ވައިގައި ހިފާފައި ވަނީ ކުއްލި ގޮތަކަށެވެ. މި ދެ ގައުމަކީވެސް ޕެސިފިކް ކަނޑުގައި ޗައިނާއިން ހަންފެތުރުމާ ދެކޮޅަށް ހަރަކާތްތެރިވާ ދެ ގައުމެވެ. އަދި އަސްކަރީ ތަމްރީންތަކުގައިވެސް ދެ ގައުމުން ގުޅިގެން ބައިވެރިވެއެވެ.

ޕޭން ވިދާޅުވިގޮތުގައި އޮސްޓްރޭލިއާއިން ބޭނުން ވަނީ އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގައި ކުދި ގައުމުތަކާއި ބޮޑެތި ގައުމުތަކަށްވެސް ހަމަހަމަ ފުރުސަތުތައް ލިބިފައި އޮތުމަށެވެ. އަދި ވަކި ބޮޑުގައުމަކުން އެހެން ގައުމުތަކަށް ގަނާ ކުރުމަށް ފުރުސަތެއް ނުދިނުމެވެ. އޭނާގެ ވާހަކަފުޅުގައި އިޝާރާތް ކުރައްވާފައި ވަނީ ޗައިނާއަށެވެ.

އޮސްޓްރޭލިއާއާއި އިންޑިއާއިން ވަނީ އެއް ގައުމުން އަނެއް ގައުމުގެ މިލިޓަރީ ބޭސްތަކާއި އެއަރޕޯޓްތައް ބޭނުން ކުރެވޭ ގޮތަށް އެއްބަސްވެފައެވެ. އަދި ދެ ގައުމުގެ ގުޅުން މި ފަހަކަށް އައިސް ހަލުއި ކަމާއެކު ބަދަހިވެގެން ގޮސްފައި ވެއެވެ.