ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކޮށް ކަފާލާތުގެ ދަށުން ދޫކޮށްލަން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ރައީސް ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި 70 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ސުޕްރީމް ކޯޓުގައި ވަނީ ފަށާފައެވެ.

މިއަދުގެ އަޑު އެހުމުގައި، ރައީސް ޔާމީންގެ ފަރާތްޕުޅުންވަނީ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ހުށަހަޅާފައެވެ. އަދި ހުކުމް ތަންފީޒު ކޮށްދިނުން ފަސްކޮށްދެއްވުމަށްވެސް ވަނީ ހުށަހަޅާފައެވެ.

މިއަދުގެ އަޑުއެހުގައި، ރައީސް ޔާމީންގެ ފަރާތުން، އެމަނިކުފާނުގެ ޤާނޫނީ ޓީމްގެ އިސް ވަކީލު ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވީ، މިއަދު ފެށި އަޑުއެހުމުގެ ލިޔެ ކިޔުންތައް ދައުލަތުގެ ފަރާތުން ލިބިފައިވަނީ އިއްޔެ ކަމަށާއި އެ ލިޔެ ކިޔުންތައް ބަލައި ތައްޔާރުވުމަށް ދެ ދުވަސް ބޭނުންވާ ކަމަށެވެ. އެހެންކަމުން ކޯޓުންވަނީ އެ މުއްދަތު ދޭން ނިންމާފައެވެ.

ޔާމީން ޖަލަށްލި މައްސަލައިގެ ޝަރީޢަތް ސުޕްރީމް ކޯޓުގައި ފަށާފައި މިވަނީ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވި ބެންޗްގައި ތިއްބެވި ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރެއްގެ އޯޑިއޯތަކެއް ލީކްވެފައި ވަނިކޮށެވެ. އެއޯޑިއޯތަކުގައި ދައްކާފައި ހުރި ވާހަކަތަކާއި ގުޅިގެން ޔާމީނަށް އިއްވި ހުކުމުގެ ސައްހަ ކަމާއިމެދު ވަނީ ސުވާލު އުފެދިފައެވެ.