ޕާކިސްތާނު ސަރުކާރުން ނޫސްވެރިންގެ މިނިވަންކަން ކޮންޓްރޯލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޕާކިސްތާންގެ ނޫސްތަކުގެ ޖަމުއިއްޔާ އޯލް ޕާކިސްތާން ނިއުސްޕޭޕަރ ސޮސައިޓީން ބުނެފިއެވެ.

އޭޕީއެންއެސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިއްޔެ މަޢުލޫމާތު ދީފައި ވަނީ ޕާކިސްތާން ސަރުކާރާއެކު ބާއްވާފައިވާ މަޝްވަރާތަކާ ބެހޭ ގޮތުންނެވެ.

ޕާކިސްތާން މީޑިއާ ޑިވެލޮޕްމެންޓް އޮތޯރިޓީ ގާއިމް ކޮށްގެން މީޑިއާ ކޮންޓްރޯލް ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތަށް ނޫސްވެރިންނާއި ނޫސްތަކުގެ އިދާރާތަކުން ދެކޮޅު ހަދާ ކަން ހާމަކޮށްދީފައި ވެއެވެ.

އައު އިދާރާއެއް އުފައްދައިގެން ސަރުކާރުން ނޫސްތައް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރުމަކީ ޕާކިސްތާންގެ ގާނޫނުއަސާސީއާ ޚިލާފް އަމަލެއް ކަމަށްވެސް މި ބައްދަލުވުމުގައި ސިފަކޮށްފައި ވެއެވެ.

ޕާކިސްތާންގެ މީޑިއާގެ މިނިވަންކަމާ އިމްރާން ޚާން ސަރުކާރުން ބެހެމުންދާ ކަމަށް ނޫސްވެރިން ޝަކުވާކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ސިފައންނަށް ފާޑުކިޔާ ނޫސްވެރިންނަށް ބިރު ދެއްކުމަކީ ޕާކިސްތާންގައި އާދައިގެ ކަމެކެވެ.