ހުޅަނގުގެ ނުފޫޒު ކުޑަ ކުރުމުގެ ގޮތުން ޗައިނާގައި އިނގިރޭސި ބަސް ކިޔަވައިދޭން ދެކޮޅު ހަދާ އޮއިވަރެއް ފެށިއްޖެއެވެ. ޗައިނާގައި ގިނަ އަދަދަކަށް ބިދޭސީން ދިރިއުޅޭ ޝެންހާއީ އަކީ ޗައިނާގައި އެންމެ ފުޅާދާއިރާއެއްގައި އިނގިރޭސި ބަސް ކިޔަވައިދޭ ސިޓީއެވެ.

ޝެންހާއީގެ އެޑިއުކޭޝަނަލް ޑިޕާޓްމަންޓުން ވަނީ މެދު މަދްރަސީ ކިލާސްތަކުގައި އިނގިރޭސި މާއްދާއިން އިމްތިހާނު ނުބޭއްވުމަށް އަންގާ ފައެވެ. އިނގިރޭސި ބަހަށް ޝައުގުވެރިވާ ފަރާތްތަކުން ދެކެނީ ޝެންހާއީގެ މި ނިމުމަކީ ސިޔާސީ ފެންވަރުގެ ނިންމުމެއް ކަމަށާއި އަދި މީގެ އަސަރު އެހެން ހިސާބުތަކަށްވެސް ފޯރާނެ ކަމަށެވެ.

ނިއުޔޯރކް ޓައިމްސްގައި ލިޔުއްވި ލީ ޔުއާން މިމައްސަލައާ ގުޅިގެން ވިދާޅުވީ ޗައިނާގެ އެކަހެރިކަމުން ސަލާމަތް ވުމާއި އަދި ބޭރަށް ހުޅުވާލުމާއި ފަހި އިގްތިސާދެއް ބިނާ ކުރުމުގެ މަސައްކަތަކީ ޗައިނާ އިން އިނގިރޭސި ބަސް ކިޔަވައިދޭން ހުޅުވާލުމުގެ ނަތީޖާއެއް ކަމަށެވެ. އަންޒަމާނުން ފެށިގެން ޗެއަރމަން މާއޯގެ ވެރިކަން ނިމި ދިއުމާ ހަމައަށް ޗައިނާ އޮތީ ދުނިޔެއާ އެކަހެރި ކަމެއްގައެވެ.

މިދިޔަ އަހަރު ޗައިނާގެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޗައިނާގެ އެއްވެސް ސްކޫލެއްގައި ބޭރުން ތައްޔާރުކޮށްފައިވާ ޓެކްސްޓް ފޮތެއް ބޭނުން ކުރުން މަނާކޮށްފައެވެ. އަދި ސަރުކާރުގެ މުޝީރަކު ލަފާ ދީފައި ވަނީ މިއަހަރުން ފެށިގެން ޔުނިވަރސިޓީ އެންޓްރެންސް އެގްޒޭމްގައި އިނގިރޭސި މާއްދާ އިން ޓެސްޓް ނުދިނުމަށެވެ.