ރާއްޖޭގެ އިގްތިސާދު ބޭނުންވާ ހިސާބަށް ގެންދިއުމަށްޓަކާ ރާއްޖޭގެ އާބާދީ "މާ ކުޑަ" ކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި މުސްތަގުބަލުގައި އާބާދީ އިތުރުކުރުމަށް "ދޭތެރެ ކައިރިކުރާ ޕްރޮގްރާމެއް" ފަށަން ޖެހިދާނެ ކަމަށް އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވީ ގައުމެއްގެ ގޮތުން ބަލާ ނަމަ އިގުތިސާދު ކުރިއަށް ގެންދަން ދާނީ ކިހާ ވަރަކަށްތޯ ކަމާ މެދު ވިސްނަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ޕޮޕިއުލޭޝަން އަޅުގަނޑު ދެކޭ ގޮތުގައި މާ ކުޑަ ދިވެހިރާއްޖޭގެ އިގްތިސާދުގައި ދާ ހިސާބަށް ދިއުމަށް. އެއީ އަޅުގަނޑުމެން ކުރިއަށް އޮތް މުސްތަގުބަލުގައި ނިންމަންޖެހޭކަންކަން. ފަހަރުގައި އަޅުގަނޑުމެން ނިންމަންޖެހިދާނެ ދޭތެރެ ކައިރި ކުރާ ޕްރޮގްރާމެއް ފަށަން ވެސް. އޭރުން 18، 20 އަހަރު ފަހުން ފަހަރުގައި އިތުރަށް އަޅުގަނޑުމެން ޕޮޕިއުލޭޝަން އިތުރު ވެސް ވެދާނެ،" މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

"ދޭތެރެ ކައިރިކުރުމޭ" އޭނާ އެ ވިދާޅުވީ ވިހާ މިންވަރު މައްޗަށް ގެންދިއުމުގެ މައްޗަށެވެ. "ދޭތެރެ ދުރުކުރުން" ކުރިންސުރެ ބޭނުންކުރަނީ ވިހެއުން ކޮންޓްރޯލްކުރުމަށެވެ.