ޕާލޭ މާލްޑިވްސް އިން މިނިސްޓްރީއޮފް އެޑިޔުކޭޝަނާއި ގުޅިގެން ހިންގާ އެއާ ޗެލެންޖު ގެ ފުރަތަމަ މަރުހަލާ ވ ކެޔޮދޫ ސުކޫލުން ކާމިޔާބުކޮށް އިނާމު ޙާޞިލު ކޮށްފިއެވެ.

ޕާލޭ މާލްޑިވްސް އިން އިސްނަގައިގެން މިސްނިސްޓްރީ އޮފް އެޑިޔުކޭޝަނާއެކު ހިންގަމުން ގެންދާ ޕްރޮގްރާމެއްކަމަށްވާ އެއާޗެލެންޖަކީ ޕްލާސްޓިކު ބޭނުންކުރުން ހުއްޓުވުމަށްޓަކައި ސުކޫލުތަކަށް އަމާޒުކޮށްގެން ހިންގާ ޚާއްޞަ ޕްރޮގްރާމެކެވެ.

މި ޕްރޮގުރާމުގެ ފުރަތަމަ މަރުހަލާ ކެޔޮދޫ ސުކޫލުން ކާމިޔާބު ކުރުމުން އެމަރުހަލާއަށް ޕާލޭ މާލްޑިވްސްގެ ފަރާތުން ކަނޑައެޅިފައިވާ އިނާމުތަކުގެ ތެރެއިން އައުޓްޑޯ ސައުންޑް ސިސްޓަމެއް އެ ސުކޫލަށް ހަދިޔާ ކުރެއްވިއެވެ. މި އިނާމު އިއްޔެ ކެޔޮދޫ ސުކޫލާއި ހަވާލުކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު އަލީއެވެ.

3 މަރުހަލާއަކަށް ބަހާލައިފަވާ އެއާ ޗެލެންޖުގެ ފުރަތަމަ މަރުހަލާ ކެޔޮދޫ ސުކޫލުން ޙާޞިލުކުރީ ވަރަށްގިނަ މަސައްކަތްތަކެއް ކޮށްގެނެވެ. މި ޕްރޮގުރާމުގައި ހިމެނޭ ޕްލާސްޓިކު ނޫން އެހެން ގޮތެއް ޚިޔާރު ކުރުމަށްޓަކައި އެއްފަހަރު ބޭނުންކޮށް އެއްލާލާ ޕްލާސްޓިކު ކެޔޮދޫ ސުކޫލުގައި ބޭނެމެއް ނުކުރެއެވެ. އަދި ހަމަ އެހެންމެ މި ޕްރޮގުރާމުގައިވާ "ރީޑިޒައިން" ގެ މަރުހަހަލާ ފުރިހަމަކުރުމަށްޓަކއި ގަސްއިންދުމުގެ ޕްރޮގުރާމުތަކާއި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގުރާމުތައް ހިންގިއެވެ. އެ ގޮތުން ހިންގި ޕްރޮގުރާމުތަކުން ގިނަ ޕޮއިންޓު ހާޞިލުކޮށްގެން އެއާ ޗެލެންޖުގެ ފުރަތަމަ މަރުހަލާ ހާޞިލު ކުރި އެންމެ ފުރަތަމަ ސުކޫލަކީ ވ. ކެޔޮދޫ ސުކޫލެވެ.

ކެޔޮދޫ ސުކޫލުގެ ޕްރިންސިޕަލް ވިދާޅުވީ ކެޔޮދޫ ސުކޫލުގެ ދަރިވަރުންނަކީ ތިމާވެށި ރަށްކާތެރިކުރުމަށް މަސައްކަތްކުރާ ނަމޫނާ ދަރިވަރުން ތަކެކެވެ. އަދި އަންނަން އޮތް ޖީލުތަކަށް މި ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށްދިނުމަށްޓަކއި ބުރަ މަސައްކަތްތަކެއް ކެޔޮދޫގެ ރައްޔިތުންންވެސް ކުރަމުން ގެންދާކަމަށް ޕްރިންސިޕަލް ހާމަކުރެއްވިއެވެ.

. މި ގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކުން ކެޔޮދޫގެ ވަށައިގެންވާ މާހައުލު ތަޣައްޔަރު ވުން ހުއްޓުވުމަށްޓައި 2018 ވަނަ އަހަރުން ފެށިގެން ކުރެވުނު މަސައްކަތުން މިހާތަނަށް 12795 ކިލޯގެ ޕްލާސްޓިކު އެއްކޮށް ޕާލޭމާލްޑިވްސް އާއި ހަވާލުކޮށް ރައްކާތެރިގޮތުގައި "ރީސައިކަލް" ކުރެވިފައިވާކަމަށް ޕްރިންސިޕަލް ޒައީމާ ހުސެއިން ވިދާޅުވިއެވެ.

މިއީ ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި އެޅުނު ވަރަށް މުހިއްމު ފިޔަވަޅެކެވެ. ސަބަބަކީ މި ޕްލާސްޓިކުތައް ގިނަވެ ނައްތާ ނުލެވޭނުނަމަ، ފަރުތަކާއި މޫދުގެ ދިރުމަށް މިކަމުނ ހީވެސް ނުކުރާފަދަ ގެއްލުންތައް ލިބޭނެއެވެ.ހަމަ އެހެންމެ ގޮނޑުދޮށްތަކާއި އަތިރިމަތިތައް ތަޣައްޔަރުކުރާ މައިގަނޑު އެކައްޗަކީ ޕްލާސްޓިކެވެ. ވީމާ ކެޔޮދޫ ސުކޫލުން މި ކުރި ބުރަ މަސައްކަތުން މުސްތަކުބަލުގައި ކެޔޮދޫގެ ވަށައިގެންވާ މާހައުލަށް ފައިދާ ކުރާނެކަން ކަށަވަރެވެ.