ތާލިބާންގެ ހަނގުރާމަވެރިން ކަންދަހާރްގައި އަންހެން ޑޮކްޓަރެއްގެ ގެއަށް ގަދަކަމުން ވަދެ ޑޮކްޓަރަށާއި އާއިލާގެ މީހުންނާއި އަވަށްޓެރިންގެ ގައިގައި ތަޅައި އަނިޔާ ކޮށްފިއެވެ.
ޑރ.ފަހީމާ ރަޙުމަތީއަކީ އަމިއްލަ ކްލިނިކެއް ހިންގާ މެޑިކަލް ޑޮކްޓަރެއްގެ އިތުރުން ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމުއިއްޔާއެއް ހިންގާ މީހެކެވެ. 11 ސެޕްޓެމްބަރު ވިލޭރޭގައި ތާލިބާނުން ވަނީ އޭނާގެ ގެއަށް ގަދަކަމުން ވަދެ އޭނާގެ ފޯނު ފޭރިގަނެ ފައެވެ. އަދި އޭނާއާއި އާއިލާއަކީ ކުރީ ސަރުކާރަށް މަސައްކަތް ކޮށްދިން ބައެއް ނޫން ކަމަށާއި އެކަމަކުވެސް ތާލިބާނުން އެމީހުންގެ ގައިގައި ތަލައި އަނިޔާކޮށްފައިވާ ކަމަށެވެ.
އޭނާ މީސްމީޑިއާއަށް ލާފައިވާ ވީޑިއޯ ކްލިޕްގައި ބުނެފައި ވަނީ ތާލިބާނުން ވަނީ އަނިޔާ ކުރުމަށްފަހު އޭނާގެ ކޮއްކޮއާއި ހަތަރު ޅިޔަނަކު އުފުރާލައިގެން ގެންގޮސްފައެވެ.
އަދި އެމީހުންގެ އެއްވެސް ޚަބަރެއް ފަހުން އާއިލާއަށް ލިބިފައި ނުވާކަމަށް އޭނާ ބުނެއެވެ.
އަދި ތާލިބާން މަސްއޫލުވެރިންނަށް މިކަން ބަލައި ދިނުމަށްވެސް އޭނާ އެދިފައި ވެއެވެ. ތާލިބާނު މަސްއޫލު މުއްލާއިން ބުނެފައި ވަނީ މިކަހަލަ ކަމެއް ހިނގި ކަމެއް އެނގިފައި ނުވާ ކަމަށެވެ. އަދި ވެފައިވާ ގޮތެއް ބަލައި ދޭނެ ކަމަށެވެ. ތާލިބާން އައި ފަހުން މިފަދަ ކަންކަން ވަނީ އާންމު ކަމަކަށް ވެފައެވެ.