ނިއުޔޯކްގައި ހުންނަ އދގެ މައި މަރުކަޒުގައި މީހުން ބައިވެރިވެގެން ބައްދަލުވުންތައް ބޭއްވުން މެދުކަނޑާލައިފިއެވެ.

މީހުން ބައިވެރިވެގެން ބާއްވާ ބައްދަލުވުންތައް މެދުކަނޑާލީ، އދގެ މައި މަރުކަޒުގައި ހުންނަ ގައުމެއްގެ ދާއިމީ މިޝަންގެ 5 ޑިޕްލޮމޭޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްގެ ތަރުޖަމާނު ސްޓެފާން ޑުއަރިޗް ވިދާޅުވީ، 5 ޑިޕްލޮމޭޓަކު ޕޮޒިޓިވް ވެފައިވާކަން އެގައުމުން އަންގާފައިވާ ކަމަށެވެ.

އަދި އެކަމާގުޅިގެން، އދގެ މެޑިކަލް ޓީމުން ކޮންޓްކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

އދގެ މައި މަރުކަޒުން ޑިޕްލޮމޭޓުން ޕޮޒިޓިވްވެފައިވަނީ، ކޮން ގައުމަކުން ކަމެއް ތަރުޖަމާނު ހާމައެއް ނުކުރައްވައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ނައިޖަރުގެ ޑިޕްލޮމޭޓުންތަކެކެވެ. ނައިޖަރަކީ އދގެ ސަލާމަތީ މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރުގެ މެމްބަރު ގައުމެކެވެ. މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައިވެސް އެގައުމުން ބައިވެރިވިއެވެ.

މިކަމާހެދި ބުރާސްފަތިދުވަހުގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން މިހާރު ޓެސްޓްކުރަމުންދާ ކަމަށްވެސް ޚަބަރު ލިބެއެވެ.

އދގެ ތަރުޖަމާނު ވިދާޅުވީ، ގައުމުތަކުގެ ދާއިމީ މިޝަންތަކާއެކު، އދގެ މައި މަރުކަޒުގައި ކުރިން 11،000 މީހުން މަސައްކަތް ކުރަމުންގެންދިޔަ ކަމަށެވެ.

ނަމަވެސް، މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރަން މާޗްމަހުގެ ތެރޭގައި ނެރުނު އަމުރާއެކު، އދގެ މައި މަރުކަޒުގައި މަސައްކަތް ކުރަމުން އަންނަނީ 13،00 އާއި 14،00 އެއްހާ މީހުން ކަމަށެވެ.

އދގެ އާންމު މަޖިލީހުގެ މިހާރު ހިނގަމުންދާ 75 ވަނަ ސެޝަންގެ ރައީސް ވޮލްކަން ބޮޒްކީރް، މެމްބަރު ހުރިހާ ގައުމަކަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، އދގެ މެޑިކަލް ޓީމުގެ އެދުމަށް އދގެ މައި މަރުކަޒުގައި މީހުން ބައިވެރިވާގޮތަށް އޮންނަ ހުރިހާ ބައްދަލުވުންތަކެއް ކެންސަލް ކޮށްފައިވާ ކަމަށެވެ.

ބައްދަލުވުންތައް ދެން ފަށާނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމުމުން ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

މީހުން ބައިވެރިވާގޮތަށް ދެން ބައްދަލުވުންތައް ބާއްވަން ފަށާނީ ކޮން އިރަކުންތޯ ނޫސްވެރިން ސުވާލު ކުރުމުން އދގެ ތަރުޖަމާނު ވިދާޅުވީ، ސެކްރެޓަރީ ޖެނެރަލް އެންމެބޮޑު އިސްކަމެއް ދެއްވަނީ، އދގެ މައި މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ގައުމުތަކުގެ ދާއިމީ މިޝަންތަކުގައި މަސައްކަތްކުރާ ސްޓާފުންނާއި، ޑިޕްލޮމޭޓުންނާއި، އދގެ މައި މަރުކަޒަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ސިއްހީ ރައްކާތެރިކަމަށް ކަމަށެވެ.