އިންޑިއާއިން ކުރިން ދުވަހަކުވެސް ނުބާއްވާހައި ގިނަ އަދަދަކަށް އަސްކަރީ ތަމްރީންތައް ގައުމުން ބޭރުގައި ބާއްވަން ފަށާފައިވާ ކަމަށް ޓައިމްސް އޮފް އިންޑިއާއިން ބުނެއެވެ. އެ ނޫހުން ބުނިގޮތުގައި ބައިލޭޓްރަލް އަސްކަރީ ތަމްރީންތަކާ ބެހޭ ގޮތުން އިންޑިއާގެ އަސްކަރީ އަދި ޚާރިޖީ ދާއިރާގައި މި ތަމްރީންތައް ސިފަ ކުރަމުން ދަނީ ޑިފެންސް ޑިޕްލޮމެސީގެ ނަމުގައެވެ.

އިންޑިއާއާއި ޗައިނާއާ ދެމެދު ބޯޑަރު މައްސަލަ ޖެހުނު ހިސާބުން ދެ ގައުމުން ބާއްވަމުން ގެންދިޔަ އަސްކަރީ ތަމްރީންތައް ހުއްޓާލިއެވެ. ނަމަވެސް އެއަށްފަހު އެހެން ގައުމުތަކާ ގުޅިގެން އިންޑިއާއިން ބާއްވާ ތަމްރީންތައް އިތުރު ވެގެން ދިޔައެވެ.

އިންޑިއާ ސިފައިން ބުނާ ގޮތުން މިއީ ސިފައިންގެ ކުޅަދާނަކަން އިތުރު ކުރުމުގެ ގޮތުންނާއި ސިފައިންގެ ހުނަރުތައް ހޭނުމަށާއި އެހެން ގައުމުތަކާއެކު އޮޕަރޭޝަންއާއި ކޮމާންޑްތައް އެއްގޮތް ކުރުމަށް ބާއްވާ ތަމްރީން ތަކެކެވެ.

ޑިފެންސް ޑިޕްލޮމެސީއަކީ އިންޑިއާގެ ޑިޕްލޮމެޓިކް އިންޓަރެސްޓް ކުރިއަށް ނެރުމަށްޓަކައި މުހިންމު ވަސީލަތެއްކަމަށް ސިފައިން ބުނެއެވެ.