އިންޑިއާގެ އެކަހެރި ހިސާބުތަކުގައި ޑްރޯން ބޭނުންކޮށްގެން ވެކްސިން ފޮނުވައި ދިނުމަށް އިންޑިއާގެ ސިވިލްއެވިއޭޝަން މިނިސްޓްރީން ހުއްދަ ދީފިއެވެ. އެކަހެރި އަންޑަމާން ނިކޯބާރާއި މަނީޕޫރާއި ނާގާލެންޑުގައި ޑްރޯން ބޭނުން ކޮށްގެން ޖަންގަލީތަކާއި އެކަހެރި އާބާދީތަކަށް ވެކްސިން ފޮނުވުމަށް އިންޑިއަން މެޑިކަލް ކައުންސިލް އޮފް ރިސާޗްއިން މަސައްކަތް ފަށާފައި ވެއެވެ.

ސިވިލް އެވިއޭޝަން މިނިސްޓްރީން ހުއްދަ ދިން ގޮތުގައި ޑްރޯން އުދުއްސަން ޖެހޭނީ ތިން ހާސް މީޓަރު މަތިންނެވެ.

ޑްރޯން ބޭނުން ކޮށްގެން ވެކްސިން ފޮނުވުމުގެ މަސައްކަތް އިފްތިތާހު ކޮށްދެއްވީ މީގެ ދެ ދުވަސްކުރިން ޓެލެންގާނާ ސްޓޭޓްގައެއެވެ. ޑްރޯން ބޭނުންކޮށްގެން ވެކްސިން ފޮނުވުމަށް އިންޑިއާއިން ކިޔަނީ މެޑިސިން ފްރޮމް ސްކައި އެވެ.

މީގެ އިތުރުން ޑްރޯން ބޭނުންކޮށްގެން ދިރާސާ ކުރުމުގެ މަގްސަދުގައި އިންޑިއަން އިންސްޓިއުޓް އޮފް ޓްކްނިލޮޖީގެ އިމުގެ ތެރޭގައި ޑްރޯން އުދުއްސުމަށްވެސް ސިވިލް އެވިއޭޝަން މިނިސްޓްރީން ހުއްދަ ދިފައި ވެއެވެ.

ސަލާމަތީ ސަބަބުތަކަށްޓަކައި ކޮންމެ ކޮންމެ ތަނެއްގައި ޑްރޯން އުދުއްސުމަކީ އިންޑިއާއިން ހުއްދަ ކުރާ ކަމެއް ނޫނެވެ.