ޔުއެފާ ޗެމްޕިއަންސް ލީގް ގްރޫޕް ސްޓޭޖުގައި ރޭ އަމިއްލަ ދަނޑުގައި ސްވިޓްޒަލޭންޑުގެ ކުޑަ ކުޑަ ޔަންގް ބޯއީސް ކްލަބުން ފަހަތުން އަރައި އިނގިރޭސިވިލާތުގެ މަޝްހޫރު މެންޗެސްޓަރ ޔުނައިޓެޑް 1-2 އިން ބަލިކޮށްފިއެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ރެއާލް މެޑްރިޑަށް ކުޅެމުންދިޔަ ފްރާންސް ގައުމީ ޓީމުގެ ޑިފެންޑަރު ރަފޭލް ވަރާނޭ އާއި ޑޯޓްމޮންޑަށް ކުޅެމުންދިޔަ އިނގިރޭސި ގައުމީ ޓީމުގެ ވިންގަރ ޖޯޑަން ސަންޗޯ ގެނެސް ޓީމު ވަރުގަދަކޮށް މިސީޒަނާ ކުރިމަތިލި މެންޗެސްޓަރ ޔުނައިޓެޑުގެ މައްޗަށް ޔަންގް ބޯއީސްއިން ކުރި ހޯދީ މެޗް ނިމެން ވިއްސަކަށް ސިކުންތަށް ވެފައި ވަނިކޮށް ތިއޮސަން ސައިބެޗޫ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިލަނޑާއެކު ޔަންގް ބޯއީސްގެ ސަޕޯޓަރުންނާއި ބެންޗުން އުފަލުން އުތުރި އަރައި ގަތެވެ.
މިމެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ، ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ މެޗުގެ ކުޅުމުގެ ރެކޯޑާ ރޭ ހަމަކުރި ރޮނާލްޑޯއެވެ. ރޮނާލްޑޯގެ ލަނޑަށްފަހު ޔަންގް ބޯއީސްއިން ކުޅުން ރަނގަޅުކޮށްފައި ވަނިކޮށް މެން.ޔުނައިޓެޑަށް މައްސަލަތައް ދިމާވާންފެށީ ޑިފެންޑަރު އާރޮން ވެން ބިސައްކާއަށް 35 ވަނަ މިނެޓުގައި ރަތް ކާޑް ދައްކައި ފޮނުވާލުމުންނެވެ. ޔަންގް ބޯއީސްއިން ނަތީޖާ ހަމަހަމަ ކުރީ ދެވަނަ ހާފް ފަށައިގެން 66 ވަނަ މިނެޓުގައި ނޫމީ އެންގަމަލޫގެ ލަނޑުންނެވެ.
ޔަންގް ބޯއީސް މިވަގުތު ސްވިޓްޒަލޭންޑް ލީގުގެ ހަތަރުވަނައިގައި އޮތްއިރު މެން.ޔުނައިޓެޑް އޮތީ ވަރުގަދަ އިނގިރޭސި ޕްރިމިއަރ ލީގުގެ 1 ވަނައިގައެވެ. މެން.ޔުނައިޓެޑުގެ ސްކޮޑްގެ އަގު 937 މިލިޔަން ޔޫރޯއަށް އަރާއިރު ޔަންގް ބޯއީސްގެ ސްކޮޑުގެ އަގަކީ އެންމެ 62 މިލިޔަން ޔޫރޯއެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެނިހެން މެޗުތަކަށް ބަލާއިރު ބާރަ އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގް ގްރޫޕް ސްޓޭޖުގައި އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން ބާސެލޯނާ ވަނީ ބަލިވެފައެވެ. ބާސާ ބަލިވީ ބަޔާން މިޔުނިކް އަތުން 3-0 އިންނެވެ.
ފުރަތަމަ ލަނޑު ފުރަތަމަ ހާފުގައި ކާމިޔާބު ކޮށްދިނީ ތޯމަސް މުލާއެވެ. އަނެއް ދެލަނޑު ދެވަނަ ހާފުގައި ކާމިޔާބު ކޮށްދިނީ ރޮބާޓް ލެވަންޑޮސްކީއެވެ. މިއީ 17 އަހަރު ތެރޭގައި ލިއޮނަލް މެސީއާ ނުލައި ބާސާއިން ކުރިމަތިލާ ފުރަތަމަ ސީޒަންކަންވެސް ފާހަގަ ކޮށްލެވެއެވެ. މެސީ ނެތުމުގެ އުނިކަން ފެނުނީ ހަމައެކަނި ބާސާގެ ކުޅަމަކުންން ނޫނެވެ. ވަރުގަދަ މެޗުތަކުގައި ފުރިބާރުވެފައި އޮންނަ ކޭމްޕްނޯ (ބާސާގެ ދަނޑު) ރޭ ފެނުނީ ވަރަށް ބޮޑަށް ފަޅުވެފައި ވަނިކޮށެވެ.