ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އދ ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތާ ރަސްމީކޮށް ހަވާލުވެވަޑައިގެންފިއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސް ހޮވުމަށް މިދިޔަ ޖޫން މަހުގެ އަށްވަނަ ދުވަހު ބޭއްވި އިންތިހާބުގައި މިނިސްޓަރު ޝާހިދު މަގާމަށް އިންތިހާބުވެވަޑައިގެންނެވީ 143 ވޯޓުންނެވެ. އަދި މިނިސްޓަރު ޝާހިދާ ވާދަކުރެއްވި އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ރަލްމައި ރަސޫލަށް ލިބިވަޑައިގެންނެވީ 48 ވޯޓެވެ.

އ.ދ ގެ އާއްމު މަޖިލީހުގެ ރިޔާސަތާއި ޝާހިދު ހަވާލުވެވަޑައިގެންނެވިއިރު މިއީ ދިވެއްސަކު މި މަގާމާއި ހަވާލުވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

އާއްމު މަޖިލީހުގެ 76 ވަނަ ސެޝަން ރަސްމީކޮށް ހުޅުވޭނީ މާދަމާ ކަމަށްވާއިރު، އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަ ހޮނިހިރު ދުވަހު އެމެރިކާއަށް ފުރާވަޑައިގަންނަވާނެ އެވެ.