ފުޓްބޯޅައިގެ އެންމެ ބޮޑު ވާދަވެރިޔާ ލިއޮނަލް މެސީގެ ބާސެލޯނާއާ ދެކޮޅަށް މިރޭ ޔުވެންޓަސް އަމިއްލަ ދަނޑުގައި ކުޅޭ މެޗުގައި، ކޮވިޑް-19 އިން ރަނގަޅުނުވާތީވެ، އެޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ނުކުޅެވޭނެކަން ޔަގީން ވެއްޖެއެވެ.
ފާއިތުވެދިޔަ ބާރަ ވަރަކަށް އަހަރު ތެރޭގައި މިދެކުޅުންތެރިންގެ ކުރިމަތިލުންތައް ބަލައި ލުމުގެ ފުރުސަތު ސަޕޯޓަރުންނަށް ލިބިގެންދިޔައީ ރެއާލް އާއި ބާސާ ބައްދަލު ކުރާ އެލްކްލެސިކޯ މެޗުތަކުންނެވެ. އެހެންނަމަވެސް ރެއާލްއިން މީގެ ދެސީޒަން ކުރިން ރޮނާލްޑޯ ދޫކޮށްލުމުން މިދިޔަ ދެއަހަރު ތެރޭގައި މެސީ އާއި ރޮނާލްޑޯގެ ކުރިމަތިލުމެއް ބަލައި ލުމުގެ ފުރުސަތު ސަޕޯޓަރުންނަށް އޮތީ ނުލިބިއެވެ.
މެސީ އާއި ރޮނާލްޑޯގެ ކުރިމަތިލުންތައް ބެލުމަށް ލޯބި ކުރާ ސަޕޯޓަރުންނަށް ހިތްހަމަ ޖެހުން ލިބިގެންދިޔައީ މިފަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސާ އާއި ޔުވެންޓަސް އެއްގުރޫޕެއްގައި ހިމެނުމުންނެވެ. އެއާއެކު މިދެކުޅުންތެރިންނަށް ސަޕޯޓުކުރާ އެތައް މިލިޔަން ބަޔަކު އިންތިޒާރުކޮށްގެން ތިބީ ދެއަހަރަށްފަހު މިދެކުޅުންތެރިންގެ ކުރިމަތިލުން މިރޭ ފެންނާނެ ކަމަށެވެ. އެކަމަކު މީގެ ދެހަފްތާއެއްހައި ދުވަސް ކުރިން ރޮނާލްޑޯ ކޮވިޑަށް ޕޮޒިޓިވްވެ، އަދި އެންމެފަހުން އިއްޔެ ހެދި ކޮވިޑް ޓެސްޓުންވެސް ރޮނާލްޑޯ ޕޮޒިޓިވްވެފައިވާތީ މިރޭގެ މެޗުގައި އޭނާއަށް ކުޅުމުގެ ފުރުސަތު ގެއްލިގެންދިޔައީއެވެ.
މިމެޗުގެ ކުރިން މެސީ ވަނީ ރޮނާލްޑޯ އަވަހަށް ކޮވިޑުން ރަނގަޅުވުމަށް އެދޭކަމަށް ބުނެ ރޮނާލްޑޯއަށް ހިތްވަރު ދިނުމަށް މެސެޖެއްވެސް ފޮނުވާފައެވެ. އަދި މެސީ ބުނެފައި ވަނީ އޭނާ އެދެނީ މިމެޗުގައި ރޮނާލްޑޯއަށް ކުޅެވުން ކަމަށާއި ރޮނާލްޑޯއާ ދެކޮޅަށް ކުޅޭ މެޗުތަކަކީ ހާއްސަ މެޗުތަކެއް ކަމަށެވެ.
ޔުވެންޓަސްއާ ދެކޮޅަށް ނުކުންނައިރު ބާސާ އޮތީ ނާޒުކު ފައްތަރެއްގައެވެ. ބާސާގެ ރައީސް އާއި ބޯޑު މެމްބަރުން ރޭގެ ވަގުތެއްގައި އިސްތިއުފާ ދީފައިވާއިރު ކެޕްޓަން ލިއޮނަލް މެސީ ވަނީ މިސީޒަން ފެށުމުގެ ކުރިން ކްލަބު ދޫކޮށްލުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ޔުވެންޓަސް އާއި ބާސާގެ ކުރިމަތިލުންތަކުން އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ ޗެމްޕިއަންސް ލީގް ފައިނަލުގައި 2015 ވަނަ އަހަރު މިދެޓީމު ބައްދަލު ކުރި މެޗެވެ. ޔުވެންޓަސް 1-3 އިން ބަލިކޮށް އެފަހަރު ޗެމްޕިއަންކަން ހޯދީ ބާސާއެވެ. އެކަމަކު ފާހަގަ ކޮށްލެވޭ ކަމަކީ އެންމެފަހުން ބާސާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު 6 މެޗުގެ ތެރެއިން އެއްވެސް މެޗަކުން ޔުވެންޓަސް ބަލިވެފައެއް ނުވެއެވެ.
ބާސާ އާއި ޔުވެންޓަސް ބައްދަލު ކުރާ މެޗް ފަށާނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 1:00 ގައެވެ.