ތާލިބާންގެ ވެރިކަމުގައި އަފްޣާނިސްތާންގެ ޕާލަމެންޓަށް ވަނީ، ވާންވީ ގޮތެއް ނޭނގިފައެވެ. އަފްޣާން ޕާލަމެންޓަކީ މަތީގެއަކާއި ތިރީގެއެއް ހިމެނޭ މަޖިލީހެކެވެ.

ޕާލަމެންޓްގެ ރައީސް ފަޒުލް ހާދީ މުސްލިމްޔާރު ވިދާޅުވީ އައު މަޖިލީހެއް އިންތިޚާބު ވަންދެން އަފްޣާން ޕާލަމެންޓް ދެމި އޮންނާނެ ކަމަށެވެ. އޭނާ ވިދާޅިގޮތުގައި ޕާލަމެންޓް އުވާލި ކަމުގެ އެއްވެސް ރަސްމީ ލިޔުމެއް އަދި ނެތެވެ. އެހެން ނަމަވެސް މިއަދާހަމައަށް ޕާލަމެންޓްގެ ޖަލްސާތައް ބޭއްވިފައެއް ނުވެއެވެ.

އަފްޣާނިސްތާން ޕާލަމެންޓަކީ ދުނިޔޭގެ ޕާލަމެންޓްތަކުން ބަލައގެންފައިވާ ބައެކެވެ. އެހެންވެ، ދުނިޔޭގެ ޕާލަމެންޓްތަކާއެކު އަފްޣާނިސްތާންގެ ޕާލަމެންޓުން މަސައްކަތް ކުރަމުންދާނެ ކަމަށްވެސް މުސްލިމްޔާރު ވިދާޅުވިއެވެ.

އަފްޣާން ޕާލަމެންޓްގެ ބައެއް މެމްބަރުން ބުނާ ގޮތުން ތާލިބާނުން ވެރިކަން ހިފިފަހުން ގިނަ އަދަދެއްގެ މެމްބަރުން ވަނީ އަފްޣާނިސްތާން ދޫކޮށް ގޮސްފައެވެ.

ތާލިބާނުގެ ވާހަކަތަކުން ދޭހަވަނީ އެމީހުންގެ އިސްލާމީ ޝަރީއާ ނިޒާމުގައި ޕާލަމެންޓަށް ހަދަންވީ ގޮތެއް އަދި ނިންމާފައި ނުވާކަމަށެވެ. ތާލިބާންގެ ކަލްޗަރަލް ކޮމިޝަނުގެ މެމްބަރަކު ބުނެފައި ވަނީ އަފްޣާނިސްތާންގެ ވެރިކަމުގެ ނިޒާމަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި ޕާލަމެންޓްގެ ބަދަލުގައި އޮންނާނީ ދަންނަބޭކަލުންގެ މަޖިލީހެއް ކަމަށެވެ.

އަފްޣާން ގާނޫނު ހަދާ މަޖިލީހުގެ ދަށުގޭގައި 250 މެމްބަރުން ތިބެއެވެ. އަދި މަތީ ގޭގައި 102 މެންބަރުން ތިބެއެވެ.