ތާލިބާންގެ ހަނގުރާމަވެރިންގެ މެދުގައި މިދިޔަ ހަފްތާގައި ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށް ފޮކްސް މީޑިއާއިން ރިޕޯޓް ކޮށްފިއެވެ. ފޮކްސް އިން ބުނާ ގޮތުން މިމީހުންގެ މެދުގައި މައްސަލަ އުފެދުނީ ސަރުކާރުގެ ހިއްސާތައް ބައި އެޅުމާ ބެހޭ ގޮތުން އުފެދުނު ދެ ބަސްވުމަކާ ގުޅިގެންނެވެ.

ކާބުލްގެ ރިއާސީ ގަނޑުވަރުގެ ތެރޭގައި ހިނގި ހަމަނުޖެހުން އުފެދުނީ، ތާލިބާނަށް ލިބުނު ކާމިޔާބީގެ ހައްގުވެރިންނަކީ ކޮންބައެއް ކަން ކަނޑައެޅުމުގެ ޒުވާބެއްގައެވެ.

ދޯހާގައި އެމެރިކާއާ އެކު މަޝްވަރާތައް ބޭއްވެވި މުއްލާ އަބްދުލް ޣަނީ ބިރާދަރުއާއި އޭނާގެ ސަޕޯޓަރުން ދެކޭ ގޮތުގައި ތާލިބާނުންނަށް ލިބުނު ކުރިއެރުމަކީ އެމީހުންގެ ސިޔާސީ މަސައްކަތުން ލިބުނު ކުރިއެރުމެކެވެ. މިއާ ޚިލާފަށް ހައްގާނީ ނެޓްވާކްގެ ފެކްޝަން އިން ބުނަނީ މި ކާމިޔާބީއަކީ އެމީހުންގެ މެދު ނުކެނޑި އެމެރިކާއާ ދެކޮޅަށް އަފްޣާނިސްތާންގައި ތިބެގެން ކޮށްފައިވާ މަސައްކަތުގެ ނަތީޖާއެއް ކަމަށެވެ.

ފޮކްސް އިން ރިޕޯޓް ކުރި ގޮތުގައި ތާލިބާންގެ ނާއިބް ލީޑަރު މުއްލާ ބިރާދަރްއާއި ހައްގާނީ ނެޓްވާކްގެ ޚަލީލުއްރަޙްމާން ޙައްޤާނީއާ ދެމެދު ހޫނު ޒުވާބެއް ހިނގިއެވެ.

މި ޒުވާބެއް ހިނގާފައިވާ ކަން ބީބީސީންވެސް ވަނީ ބުދަ ދުވަހު ކަށަވަރުކޮށްދީފައެވެ. ބީބީސީއިން ޕުޝްތޫ ބަހުން ޚާއްސަ ރޭޑިއޯ ސާރވިސްއެއް ހިންގައެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ޒުވާބަށް ފަހު މުއްލާ ބިރާދަރު ފެނިފައެއް ނުވެއެވެ. ބަޑީގެ ހަމަލައެއްގައި އޭނާ މަރާލެވުނީ ކަމަށްވެސް ބުނެއެވެ. ނަމަވެސް މީސްމީޑިއާގައި ކަށަވަރު ނުކުރެވޭ ވީޑިއޯއިން މުއްލާ ބިރާދަރު ހެޔޮ ހާލުގައި ހުރިކަމަށް ބުނެ ފަތުރާފައި ވެއެވެ.