އިދިކޮޅު ޕީޕީއެމް ޕީއެންސީން "އިންސާފު ހޯދަން" ނަމުގައި މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާގައި، ގެކޮޅުގައި ހުންނަވާ ނުސީދާކޮށް، ބައިވެރިވި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނަސޭހަތް ދީ މައްސަލަ ނިންމާލައިފިއެވެ.

މި މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އަޅާފައިވާ ފިޔަވަޅަކީ އެފަދަ ކަމެއް ތަކުރާރުނުކުރުމަށް ލިޔުމުން ނަސޭހަތް ދިނުންކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ބުންޏެވެ.

މިދިޔަ ހުކުރުދުވަހު އިދިކޮޅު ކޯލިޝަނުން މާލޭގައި ބޭއްވި މުޒާހަރާގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ގެކޮޅުކަމަށްވާ ހ.ދޫވަހި ގައި ހުންނަވައިގެން ކުޑަދޮރުން މުޒާހަރާގެ ބައިވެރިންނަށް އިޝާރާތްކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ޤައުމީ ދިދައަކާއި ޕީޕީއެމްގެ ދިދަ ވިހުރުވާފައެވެ.

ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ.