އިންޑިއާއިން އަލުން ވެކްސިން އެކްސްޕޯޓް ކުރުމުގެ މަސައްކަތް ދާދި އަވަހަށް ފަށާނެ ކަމަށް މަސްއޫލު ފަރާތްތަކުން ވިދާޅުވެއެވެ. އިންޑިއާއިން އެންމެ އަވަހަށް ވެކްސިން އެކްސްޕޯޓް ކުރާނީ އެފްރިކާ ބައްރަށް ކަމަށް ބެލެވެއެވެ.

ދުނިޔޭގައި އެންމެ ފުޅާދާއިރާއެއްގައި ވެކްސިން އުފައްދާ އިންޑިއާއިން ވެކްސިން އެކްސްޕޯޓް ކުރުން ހުއްޓާލީ އާބާދީގެ ވެކްސިން ޖަހަން ޖެހޭ އުމުރު ފުރައިގެ 944 މިލިއަން މީހުންނަށް ވެކްސިން ދީ ނިންމުމަށްޓަކައެވެ. މިހާތަނަށް މިއާބާދީގެ 61 އިންސައްތައަށް ވެކްސިންގެ އެއް ޑޯޒް ނަމަވެސް ދީފައި ވެއެވެ.

އިންޑިއާއިން އަލަށް ވެކްސިން އެކްސްޕޯޓް ކުރާނެ ކަމުގެ ވާހަކަ ދައްކާފައި މިވަނީ އަންނަ ހަފްތާގައި އިންޑިއާގެ ބޮޑު ވަޒިރު އެމެރިކާއަށް ވަޑައިގަންނަވާ ދަތުރާ ދިމާކޮށެވެ. އޭނާ ބައިވެރިވެ ވަޑައިގަންނަވާ ކުއޯޑުގެ ހަތަރު ގައުމުގެ ސަމިޓް ބައްދަލުވުމުގައި ވެކްސިންގެ ވާހަކަ މައިގަނޑު ގޮތަކަށް ދެއްކޭނެ އެވެ. މިހަތަރު ގައުމަކީ، ކޮވިޑް އެންމެ ބާރަށް ފެތުރިގެން ދިޔައިރު، ވެކްސިްނ އުފައްދައި ގައުމުތަކަށް ބެހުމަށް އެއްބާސްވެ ވާހަކަ ދެއްކި ހަތަރު ގައުމެވެ.

އިންޑިއާގެ ވެކްސިން އެކްސްޕޯޓް ކުރުމާ ބެހޭ ގޮތުން މަޢުލާތު ދިނުމަށާއި މަޝްވަރާއަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާއާ އެކު އިއްޔެ މަޝްވަރާތައް ބާއްވާފައެވެ.