އެއަރ އިންޑިއާ ގަތުމަށް ޓާޓާ ކުންފުނިން ބީލަމުގައި ބައިވެރިވެއްޖެއެވެ. އިންޑިއާގެ ގައުމީ އެއަރލައިން ވިއްކާލުމަށް ހުޅުވާލުމުން އެންމެ ފަހު ދުވަހު ބީލަމުގައި ބައިވެރިވެފައި ވަނީ ޓާޓާ އައުލާދުގެ ކުންފުންޏާއި ސްޕައިސް ޖެޓްގެ ވެރިޔާއެވެ.

އެއަރ އިންޑިއާއަކީ ޓާޓާ އިން 1930ގައި އުފެއްދި އެއަރލައިނެކެވެ. އިންޑިއާއިން އަމިއްލަ ވިޔަފާރިތައް ސަރުކާރަށް ނެގިއިރު، 1950ގައި އެއަރ އިންޑިއާ ސަރުކާރުން ގަތީއެވެ.

ގައުމީ އެއަރލައިން ވިއްކުމުގެ މަސައްކަތް ހަވާލުވެފައިވާ އިދާރާއިން މި ދެފަރާތުގެ ބީލަންތައް ދިރާސާކުރުމަށްފަހު ބީލަން ކާމިޔާބު ކުރާ ފަރާތެއް އިޢުލާން ކުރާނެއެވެ.

ޓާޓާ އައުލާދަކީ މިހާރުވެސް ވައިގެ ދަތުރުފަތުރުގެ ވިޔަފާރީގައި އުޅޭ ކުންފުންޏެކެވެ. ސިންގަޕޯރ އެއަރލައިންސާ ގުޅިގެން ވިސްޓާރާ އެއަރއާއި އެއަރ އޭޝިއާއާއި އިންޑިއާގެ އެއަރލައިންތަކުގެ ކޭޓަރިންގެ ކުންފުނި އޭއައިސެޓްސް ވެސް ހިންގައެވެ.

އިންޑިއާގެގ ވައިގެ ދަތުރުފަތުރުގެ ވިޔަފާރީގައި 55 އިންސައްތައަކީ އިންޑިގޯ ކުންފުނީގެ ޙިއްސާއެވެ. އެއަރ އިންޑިއާގެ ޙިއްސާ ވަނީ 14 އިންސައްތައަށް ވެއްޓިފައެވެ. ޓާޓާ އައުލާދު ހިއްސާވާ ވިސްޓާރާ އެއަރއަކީ އިންޑިއާގެ ވައިގެ ދަތުރުފަތުރުގެ ވިޔަފާރީގެ 11 ޕަސެންޓް ކޮންޓްރޯލް ކުރާ ބައެކެވެ. އަދި ސްޕައިސް ޖެޓްގެ ޙިއްސާއަކީ ނުވައެއް އިންސައްތައެވެ.

އެއަރ އިންޑިއާގެ ބީލަން ކާމިޔާބު ކުރާ ބަޔަކަށް އެއަރ އންޑިއާއެކްސްޕްރެސްއާއި އިންޑިއާގެ ކޭޓަރިންގއާއި ގްރައުންޑް ހޭންޑްލިންގެ ޙިއްސާގެ 50 ސައްތަ ލިބޭނެއެވެ.