ޓައިމް މަޖައްލާގެ އެންމެ ނުފޫޒުގަދަ ސަތޭކަ ޝަޚްޞިއްޔަތު އިޢުލާން ކޮށްފިއެވެ. ދެކުނު އޭޝިއާއިން މި ލިސްޓަށް ވަދެފައި ވަނީ އިންޑިއާއާއި އަފްޣާނިސްތާންގެ ބޭފުޅުންނެވެ.

ޓައިމް މަޖައްލާގެ ނުފޫޒުގަދަ ލިސްޓްގައި ހިމަނާފައި ވަނީ، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީއާއި ވެސްޓް ބެންގޯލްގެ ޗީފް މިނިސްޓަރ މަމްތާ ބެނަރްޖީއާއި ސެރަމް އިންސްޓިއުޓްގެ އާދާރް ޕޫނޭވާލާއެވެ.

ނޫސްވެރިޔާ، ފަރީދް ޒަކަރިއްޔާ ލިޔުއްވި މަޒްމޫނުގައި ބުނެފައި ވަނީ އިންޑިއާ މިނިވަންވިފަހުން ފެނިގެން ދިޔަ އެންމެ ނުފޫޒުގަދަ ތިން ޝަޚްސިއްޔަތަކީ، ޖަވާހަރްލާން ނެހްރޫއާއި އިންދިރާ ގާނދީއާއި ނަރެންދްރަ މޮދީ ކަމަށެވެ. އަދި އިންޑިއާއިން ކޯވިޑް19އާ މެދު ގެންގުޅު ސިޔާސަތަށް ފާޑުކިޔަމުން ފަރީދު ޒަކަރިއްޔާ ބުނެފައި ވަނީ އެވަރުންވެސް މޮދީގެ މަގްބޫލުކަން ވެއްޓިފައި އޮތީ 71އިން ސައްތައި ގައެވެ.

މަމްތާ ބެނަރްޖީއާ ބެހޭ ގޮތުން ނޫސްވެރިޔާ ބަރަކާ ދަތު ބުނެފައި ވަނީ ބެނަރްޖީއަކީ ޕާޓީގެ ވެރިޔާ ނޫން ކަމަށެވެ. ނަމަވެސް ޚުދު އޭނާއަކީ ޕާޓީ ކަމަށެވެ.

އަފްޣާނިސްތާންގެ ތާލިބާންގެ މުއައްސިސް މުއްލާ އަބްދުލް ޣަނީ ބިރާދަރުވެސް ލިސްޓްގައި ހިމެނުނެވެ. އޭނާއަކީ އަޅުވެތި މީހެއްކަމުގައިއާއި ޖާޒްބީ ޝަޚްސިއްޔަތެއްކަމަށްވެސް ޕާކިސްތާން ނޫސްވެރިޔާ ލިޔެފައި ވެއެވެ.

މީގެ އިތުރުން، އީރާންގެ ރައީސް އިބްރާހީމް ރައީސީއާއި އެމެރިކާގެ މިހާރުގެ ރައީސް ބައިޑެންއާއި ކުރީގެ ރައީސް އާއި މިހާރުގެ ނާއިބް ރައީސް އަދި އިޒްރޭލް ބޮޑު ވަޒީރާއި ހެރީއާއި މޭގަންވެސް ޓައިމް މަޖައްލާގެ އެންމެ ނުފޫޒުގަދަ 100އިގެ ލިސްޓްގައި ހިމަނާފައި ވެއެވެ.