އަހަރެއް ވަންދެން ޓޫރިސްޓް ވިސާ ދިނުން މަޑުޖައްސާލާފައި އޮތުމަށްފަހު އިންޑިއާއިން އަލުން ޓޫރިސްޓް ވިސާ ދޫކުރަން ފަށާނެކަމަށް ބުނެފިއެވެ. އިންޑިއާގެ ހޯމް މިނިސްޓްރީން އިޢުލާން ކޮށްފައިވާ ގޮތުގައި އަލަށް ޓޫރިސްޓް ވިސާ ދޫކުރާނީ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައިވާ މީހުންނަށެވެ.

އިންޑިއާއިން ޓޫރިސްޓް ވިސާ ހުއްޓާލީ 2020ގެ މާޗުން ފެށިގެންނެވެ. އެއަށްފަހު އެކި ގައުމުތަކާއެކު ވަކިވަކިން އެއްބަސްވެގެން އެއަރބަބްލް ފަދަ ނަންނަމުގައި ވިޔަފާރިއާއި އެހެން ބޭނުންތަކަށް މީހުން އެތެރެވުމަށް ވިސާ ދެމުން ގޮސްފައި ވެއެވެ.

ޓޫރިސްޓް ވިސާ ދިނުން ހުއްޓާލުމުގެ ކުރިން އިންޑިއާއިން މަހެއްގެ މައްޗަށް 8 ލައްކަ ޓޫރިސްޓް ވިސާދޫކޮށްފައި ވެއެވެ.

މިދިޔަ 24 ގަޑި އިރު ތެރޭގައި އިންޑިއާގައި ކޮވިޑް ޖެހިގެން 284 މީހުން މަރުވެފައި ވެއެވެ. އަދި 27176 މީހުން ފައްސިވިކަމަށް ބުނެފައި ވެއެވެ.