ޕާކިސްތާންގެ އަސްކަރީ ކުޅަދާނަ ކަމުގެ މުހިންމު ދާއިރާއަކަށް މައްސަލަތައް ދިމާވެއްޖެއެވެ. ޕާކިސްތާނުން ގަނެފައިވާ ކުރިއަރާފައިވާ މީހަކުނެތި އުދުއްސާ ވައްތަރުގެ ޑްރޯންތައް ބޭނުން ނުކުރެވޭ ކަމަށް ރިޕޯޓް ކުރެއެވެ.

ޗެންޑޫ އެއަރކްރާފްޓް އިންޑަސްޓްރީ ގްރޫޕުން އުފައްދާފައިވާ ޑްރޯންތައް ޕާކިސްތާނަށް ވިއްކާފައި ވަނީ ޗައިނާ ނޭޝަނަލް އޭރޯ ޓެކްނޮލޮޖީ އިމްޕޯޓް އެކްސްޕޯޓް ކޯޕަރޭޝަނުންނެވެ. މި ޑްރޯންތައް ޕާކިސްތާން ސިފައިންގެ ޚިދުމަތުގައި ބޭނުން ކުރަން ފަށާފައި ވަނީ މިއަހަރުގެ ޖެނުއަރީން ފެށިގެންނެވެ. މިއީ ޕާކިސްތާނުން އެދިފައިވާ 50 ޑްރޯންގެ ތެރޭން ފުރަތަމަ ބައެވެ.

މިޑްރޯންތައް ބޭނުން ކޮށްގެން ލޭޒާއިން މަގުދައްކައިގެން ބޮމާއި މިސައިލްގެ ހަމަލަތައް ދެވޭނެ ކަމަށް ޗައިނާއާއި ޕާކިސްތާންގެ މަސްއޫލުވެރިން ވަނީ މި ތަކެތި ވިއްކި އިރު ބުނެފައވެ. އަދި މިއީ އިންޑިއާ އިން އުސް ސަރަހައްދުތަކުގައި ބައިތިއްބާފައިވާ ސިފައިންނަށް ނުރައްކާ ކުރެވޭ ވަރުގެ ކުޅަދާނަކަން ލިބިގެންވާ ޒާތުގެ ހަތިޔާރެއްކަމަށްވެސް ބުންޏެވެ. އެހެންނަމަވެސް ކުޅަދާނަ ކަމަށް ބުނާ މި ޑްރޯންތައް ބޭނުން ނުކުރެވި ސީރިއަސް މައްސަލަތައް ދިމާވެގެން ޕާކިސްތާނުން އެދިފައި ވަނީ ޗައިނާއިން މި ތަކެތި ބޭނުން ކުރެވޭ ގޮތަށް މައްސަލަ ހައްލު ކޮށްދިނުމަށެވެ.

ޕާކިސްތާނަށް ދިމާވެފައިވާ އެއްމެ ބޮޑު މައްސަލައަކީ ޗައިނާއިން މި ތަކެތި އެކަށީގެންވާ ގޮތެއްގައި ބޭނުން ކުރެވޭ ގޮތަށް ސާވިސް ކޮށް ނުދިނުމެވެ. ޕާކިސްތާނުން ތަކުރާރުކޮށް އެދުމުންވެސް ޑްރޯން ވިއްކާފައިވާ ކުންފުނި، ސީއޭޓީއައިސީން ވަނީ އެދެވޭ އިޖާބައެއް ނުދީފައެވެ. މި ކުންފުނިން ޕާކިސްތާނަށް ދީފައިވާ ސްޕެއަރ އަކީ ފެންވަރު ދަށް ނުވަތަ އުޅަދާ ނުގުޅޭ ސްޕެއަރ އެކެވެ. ހަމައެއާއެކު ޕާކިސްތާނަށް ޗައިނާއިން ފޮނުވާފައިވާ އިންޖިނޭރުންނަށް ކޮންމެވެސް ސަބަބަކާ ލައިގެން މިތަކެތި ބޭނުން ކުރެވޭ ގޮތެއްވެސް ހަދައެއް ނު ދެވެއެވެ. ޕާކިސްތާނުން އަލުން އެދިފައި ވަނީ ގާބިލު އިންޖިނޭރުންތަކެއް ފޮނުވައިގެން މިތަކެތި ބޭނުން ކުރެވޭ ގޮތް ހަދައި ދިނުމަށެވެ.

އަސްކަރީ ޑްރޯންތަކަކީ އާދައިގެ ޑްރޯންތަކަށް ވުރެން ހައްސާސް އަދި އޭގެ ކުޅަދާނަކަމާއެކު އިތުރު އެތަކެއް ބޭނުމަށް އެތައް ވަސީލަތެއް ހިމަނާފައިވާ ކުރިއަރާފައިވާ ބާވަތުގެ އުޅަނދެކެވެ.

ޗައިނާ ކުންފުނިން ވިއްކާފައިވާ ޑްރޯޅޯންގެ ޖީޕީއެސް ފެއިލް ވުމަކީވެސް ޕާކިސްތާނަށް މި ތަކެތި ބޭނުން ކުރުމަށް ދިމާވި ބޮޑު ގޮންޖެހުމެކެވެ. ޖީއެސް ފެއިލްވެފައިވާ ޑްރޯނެއް އަސްކަރީ ބޭނުމަކަށް ބޭނުމެއް ނުކުރެވޭނެއެވެ. ޕާކިސްތާން ސިފައިން ދެކޭ ގޮތުގައި ޖީޕީއެސް ފެއިލް ވަނީ ޑްރޯންގައި ހިމެނޭ އެންޓި ޖޭމިންގ ކެޕާސިޓީ ނުކުޅެދިގެންނެވެ. މިއީ ޓާގެޓަށް ފޯރިވައި ދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ އެއްޗެކެވެ.

މީގެ އިތުރުން ޑްރޯންގައި ހަރުކޮށްފައިވާ އިލެކްޓްރޯ އޮޕްޓިކަލް އަދި އިންފްރާރެޑް ކެމެރާތަކުން ނައިޓްރިޖަން ލީކްވާ މައްސަލައަކީވެސް ހައްލުކުރެވުނު މައްސަލައެއް ނޫނެވެ. މިއީ އަލި ނެތް ހާލަތުގައިއާއި އަނދިރި ވަގުތުގައި އޮޕަރޭޝަނަށް މުހިންމު އެއްޗެކެވެ. ޕާކިސްތާނުން އެދިފައި ވަނީ ޗައިނާ ކުންފުނިން ވަގުތުން މި ކެމެރާތައް ބަދަލުކޮށް ދިނުމަށެވެ. ނަމަވެސް މިއަށް އަދިވެސް އިޖާބައެއް ދީފައެއް ނުވެއެވެ.

މިޑްރޯންތައް އޮޕަރޭޓް ކުރަން ފަށާތާ އިރުކޮޅެއްގެ ތެރޭގައި އޭގެ ރޭޑާ ފެއިލްވާ މައްސަލަވެސް ހައްލުކުރެވިފައި ނުވެއެވެ. އިލެކްޓްރޯނިކް ވޯފެއަރއަށް މިއީ ވަރަށްވެސް މުހިންމު އެއްޗެކެވެ.

ޑްރޯންތައް އުދުހެން ފަށާތާ އިރުކޮޅެއްގެ ތެރޭގައި އޭގެ އެންޓެނާވެސް ފެއިލްވާކަމަށް ސިފައިން ބުނެއެވެ. އަދި ސައިޓް އެކްސެޕްޓެންސް ޓެސްޓްގައކިވެސް މި މުހިންމު ވަސީލަތް ފެއިލް ވިއެވެ.

ޕާކިސްތާންގެ ފަރާތްތަކާ ޙަވާލާދީ ރިޕޯޓް ކޮށްފައިވާ ގޮތުން ސްޕެއަރވެސް ފޮނުވާފައި ހުރީ ނުގުޅޭ ސްޕެއަރ ތަކެކެވެ.

ޗައިނާގެ އަސްކަރީ ސާމާނުތައް ބޭނުން ކުރުމުގެ ސަބަބުން މީގެ ކުރިންވެސް މި ފަދަ މައްސަލަތަކާ ޕާކިސްތާނާ ކުރިމަތިލާން ޖެހިފައި ވެއެވެ. ޗައިނާއިން ފެންވަރު ދަށް ސާމާނު ސަޕްލައި ކޮށްދޭ މައްސަލައަކީ ބޮޑު ވެގެންވާ ޝަކުވާއެކެވެ.