ރާއްޖޭގެ "އަސްލު ބްރޭކް" ޑިސްކަވަރީ ޕްލަސް އިން ގެނެސްދޭ "އިންޓު ދަ ވައިލްޑް" ޝޯއަށް ވީޑިއޯއެއް ނެގުން މިއަދު ރާއްޖޭގައި ކުރިއަށް ގެންގޮސްފިއެވެ. މިއަދު ހެނދުނު މި ޝޫޓިންގް އޮތީ ވ. ކެޔޮދޫ ކައިރީގައި އޮންނަ "ޝިޕްރެކް" - ދިވެހިންގެ ތެރޭގައި މަޝްހޫރު "އަސްލު ބްރޭކް" - ކައިރީގައެވެ. މި ޝޫޓިންގް ގައި ބައިވެރިވީ އެ ޝޯ ހުށާހަޅައިދޭ ބެއާ ގްރިލްސް އާއި ބޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމަށްވާ ވިކީ ކޮޝާލް އެވެ.

ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވީ ޝޫޓިންގް ކުރިއަށް ދިޔައިރު އެ ސަރަހައްދަށް އެހެން ފަރާތްތަކަށް ނުދެވޭނޭގޮތަށް ސަލާމަތީ ކަންތައްތައް ބެލެހެއްޓެވީ ވ. އަތޮޅު ޕޮލިސް ސްޓޭޝަންގެ ފަރާތުން ކަމަށެވެ. ޑިސްކަވަރީ ޕްލަސް އިން ހުށަހަޅައިދޭ "އިންޓު ދަ ވައިލްޑް" ޝޯއަކީ މީހުންނޫޅޭ ވަލު/ޖަންގަލި ފަދަ ތަންތާނގައި ދިރިހުރުމަށް ކުރެވިދާނެ ކަންތައްތައް ދައްކުވައިދޭ ޕްރޮގްރާމެކެވެ.

ވ. އަތޮޅުގައި ސްނޯކްލިންނަށް ދާ، (މިއަދުގެ ޝޫޓިން ފެނުނު ) ޒުވާނަކު ބުނީ "އިންޓު ދަ ވައިލްޑް" ޓީމުން ނެގި މަންޒަރުތަކުން ސިފަވަނީ ކަނޑުގައި މީހަކު ސަލާމަތްވާން އުޅޭ މަންޒަރު ކަމަށެވެ.

މި ޝޯގައި ހޮލީވުޑާއި ބޮލީވުޑްގެ މަޝްހޫރު ތަރިން ބައިވެރި ވެއެވެ. އަކްޝޭ ކުމާރާއި ތަމަޅަ ފިލްމީ ސުޕަރސްޓާ ރަޖްނީކާންތު ވެސް މި ޝޯގައި ކުރިން ބައިވެރި ވެފައި ވެއެވެ.

އިންޑިއާގެ ނޫސްތަކުގައިވާގޮތުން ބޮލީވުޑްގެ މަޝްހޫރު ތަރި އަޖޭ ދޭވްގަން ވެސް މި ޝޯގައި ބައިވެރިވުމަށް މިދިޔަ އާދީއްތަ ދުވަހު ވަނީ ރާއްޖެ އައިސްފައެވެ. ނަމަވެސް އަޖޭ ދޭވްގަން އާއެކު މި ޝޯގެ ވީޑިއޯ ނަގާނީ ރާއްޖޭގެ ކޮންތަނެއްގައި ކަމެއް އަދި ނޭނގެއެވެ.

މިއަދުގެ ޝޫޓިންގް ކުރިއަށް ގެންދިޔަ "ޝިފްރެކް" އަކީ ފަތުރުވެރިންވެސް މާސްކުއަޅައިގެން ފަތާށާއި އަޑިއަށް ފީނަން ދިއުމަށް މަޝްހޫރު މަންޒިލެކެވެ. ދިވެހިންގެ ތެރޭގައިވެސް ވަރަށް މަގޫބުލުކަން އެތަނަށް ވަނީ ލިބިފައެވެ. މިތަން މިހާ މަޝްހޫރު ތަނަކަށްވެފައިވަނީ އަޑިއަށް ގޮސްފައިވާ ބޯޓުގައި މިހާރު ފަޅާފައިވާ ރީތި މުރަކަތަކާއި އެތަނުގައި ދިރި އުޅޭ ތަފާތު ކުލަކުލައިގެ، ޗާލު މަސްތަކުގެ ސަބަބުންނެވެ.