ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން އިއްޔެ އިއުލާން ކުރި ދުނިޔޭގެ ފުޓްބޯޅަ ރޭންކިންގައި ޖަޕާން ފަހަތަށް ޖައްސާލުމަށްފަހު އިރާނުން އެއްވަނަ ހޯދައިފިއެވެ.

ކޮންމެ މަހަކު އެއްފަހަރު ގައުމުތަކުގެ ރޭންކިންގ ފީފާއިން އިއުލާން ކުރާއިރު، މިފަހަރު އޭޝިޔާ ބައްރުގެ އެއްވަނަ އިރާނުން ހޯދީ ހަތަރު ދަރަޖައިގެ ކުރި އެރުމެއް ހޯދައިގެންނެވެ. ދުނިޔޭގެ ރޭންކިންގައި އިރާން އޮތީ 22 ވަނައިގައެވެ. އިރާނުން ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި މިމަހު ސީރިޔާއާ ދެކޮޅަށް ކުޅެ 1-0 އިން އަދި އިރާގާ ވާދަކޮށް 3-1 އިން މޮޅުވެފައެވެ.

އިރާންގެ މަޝްހޫރު ފޯވާޑް އަޒްމޫން ލަނޑެއް ޖެހުމަށްފަހު އުފާކުރަނީ.

މިދިޔަ މަހު އޭޝިޔާގެ އެއްވަނައިގައި އޮތް ޖަޕާން ވަނީ މިމަހު ވޯލްޑް ކަޕް ކޮލިފައިންގައި އޮމާން އަތުން 1-0 އިން ބަލިވެފައެވެ. އެކަމަކު ޖެހިގެން އައި މެޗުގައި ޗައިނާ އަތުން 1-0 އިން ޖަޕާން މޮޅުވިއެވެ. ޖަޕާން އޮތީ ދުނިޔޭ ރޭކިންގެ 26 ވަނައިގައެވެ.

އޭޝިޔާގެ ތިންވަނަ ލިބެނީ އޮސްޓްރޭލިޔާއަށެވެ. ހަތަރުވަނައިގައި ސައުތު ކޮރެއާ އޮތްއިރު ފަސްވަނައިގައި އޮތީ އޭޝިޔަން ކަޕުގެ އެންމެފަހުގެ ޗެމްޕިއަން ގަތަރެވެ. ހަވަނައިގައި އޮތީ މިވަގުތު ވަރަށް ފޯމުގައި އޮތް ސައުދީ އަރަބިއްޔާއެވެ. ހަތްވަނައިގައި ޔޫއޭއީ އޮތްއިރު އަށްވަނައިގައި އޮތީ އިރާގެވެ. އޭޝިޔާގެ ނުވަވަނަ ލިބެނީ ޗައިނާއަށެވެ. 10 ވަނައިގައި އޮތީ އޮމާނެވެ.

ފީފާ ރޭންކިންގެ އެއްވަނަ މިފަހަރު ހޯދީ ބެލްޖިއަމްއެވެ. ދެވަނައިގައި ބްރެޒިލް އޮތްއިރު ތިންވަނަ ލިބެނީ އިންގްލެންޑަށެވެ. މިއީ އިންގްލެންޑުގެ ފުޓްބޯޅައިގެ ތާރިހުގައި ފީފާ ރޭންކިންގެ ތިންވަނަ އިންގްލެންޑަށް ލިބުނު ދެވަނަ ފަހަރެވެ. މީގެ ކުރިން އެގައުމަށް ފީފާ ރޭންކިންގެ ތިންވަނައާ ހަމައަށް ކުރިއަށް ދެވިފައި ވަނީ 2012 ވަނަ އަހަރުއެވެ. ރޭންކިންގެ ހަތަރު ވަނައިގައި އޮތީ ފްރާންސެވެ. ޖުލައި މަހު ޔޫރަޕުގެ ޗެމްޕިއަންކަން ހޯދި އިޓަލީ 5 ވަނައިގައި އޮތްއިރު ހަމައެމަހު ދެކުނު އެމެރިކާގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާ އޮތީ 6 ވަނައިގައެވެ. ޕޯޗުގަލްއަށް ހަތްވަނަ ލިބޭއިރު 8 ވަނައިގައި އޮތީ ސްޕެއިނެވެ. މެކްސިކޯ ނުވަވަނައިގައި އޮތްއިރު ދިހަ ވަނައިގައި އޮތީ ޑެންމާކެވެ.