ނާއިފް އަވަސްވެގަތީ ނިދާލުމަށެވެ. އަވަހަށް ފެންވަރާލައިގެން ގޮސް އެނދުގައި އޮށޯވެލިއެވެ. ފަތިސްވެގެން ދިޔައިރުވެސް ނާއިފަށް ނިދޭގޮތެއް ނުވިއެވެ. " އެމީހުން ހާދަހާ ރަނގަޅެވެ. އެހެން މީހުންނާއި ވަރަށް ތަފާތެވެ " ނާއިފްގެ ހިތަށް އަރަމުން ދިޔައެވެ. އެހެން އޮއްވައި ނާއިފަށް ނިދުއިރެއްވެސް ނޭނގެއެވެ. ސިއްސައިގެން ގޮސް ހޭލެވުނީ ފޯނު ރިންގްވާ އަޑަށެވެ. އޮފީހަށް ނުގޮސްގެން އޮފީހުން ގުޅަނީއެވެ. ނާއިފް ތެދުވެ ގަޑި ބަލައިލިއެވެ. ގަޑިން ނުވައެއް ޖަހަނީއެވެ. ނާއިފް ކޮނޑަށް ތުވާލި ލައިގެން ދުއްވައިގެންފިއެވެ.

ނާއިފަށް އޮފީހަށް ދެވުނުއިރު އެމީހުން ވީ ސައިބޯން ގޮހެވެ. ނާއިފް ގޮސް މޭޒު ދޮށުގައި އިށީނެވެ. މިއަދު އޮފީހުގައި ބައިވަރު މަސައްކަތް ކުރަން އެބަހުއްޓެވެ. އެކަމަކު އެމަސައްކަތް ވަނީ އެހެން ކުއްޖަކާއި ހަވާލު ކޮއްފައެވެ. އެއީވެސް ނަސީބެކޭ ހިތަށް އެރިއެވެ.

" އޭ ކޮންކަމަކަށް ގެއްލިފައި ތި އިނީ " ސަލީމް އައިސް ނާއިފް ކައިރީގައި އިށީނެވެ.

" މި އިނީ ވަރަށް ބަނޑުހައިވެފައި " ނާއިފް ބުނެލިއެވެ.

" ރޭގައި ނާއިފް ރީތިވެގެން ކުއްޖަކު އުޅުނު " ސަލީމް ބުނެލިއެވެ.

ނާއިފްމެން އެ ވާހަކައިގާ ތިއްބާ އެމީހުން އައިސް އޮފީސް ތެރެއަށް ވަނެވެ. އެމީހުން ގޮސް ވަނީ ޖެހިގެން ހުރި ސެކްޝަނަށެވެ. ސަލީމް ހުރީ ހަރުގަނޑު ހާވާށެވެ. ފައިލްތައް ފެނޭތޯއެވެ. ނާއިފްވެސް ގޮސް ސަލީމަށް އެހީތެރިވިއެވެ. ފަހަރަކު ފައިލްއެއް ހިފައިގެން ނާއިފް އެ ސެކްޝަނަށް ދިޔައެވެ. އެއިރު އެތާގައި މާ ގިނަބަޔަކު ނެތެވެ.

" އޯ ހާދަ މުރާލި ކުއްޖެއް. ނާއިފް ތިއީ ކޮން ސެކްޝަނެއްގެ ކުއްޖެއް " ވަހީދާ ބުނެލިއެވެ.

" އެޑްމިން ސެކްޝަންގައި އުޅެނީ " ނާއިފް ބުނެލިއެވެ.

" މިތާ އިށީދެބަލަ ވާހަކަ ދައްކާލަން. މާ ބިޒީކޮށް އުޅޭނެކަމެއް ނެތޭ " ވަހީދާ ބުނެލިއެވެ. ނާއިފް ގޮސް އެތާ ހުރި ގޮނޑީގައި އިށީނެވެ. ކުށްވެރިއަކު އިށީންނަހެންނެވެ. ނާއިފް އިނީ ފިނިވެފައެވެ. ވާހަކަ ދައްކަންވެސް ނުކެރިފައެވެ.

" ހާދަ ލަދުން ތި އިންނަނީ. ތިހެން ނީދެ ވާހަކަ ދައްކަބަލަ " ވަހިދާ އެހެން ބުނުމާއިއެކު ނާއިފް ދިޔައީ ސިއްސައިގެންނެވެ.

" ކޮބާ އަނބިކަނބަލުން. އަދިވެސް ނުދައްކަމެއްނު ދޯ " އަނެއްކާވެސް ވަހީދާ ވާހަކަ ދައްކަން ފަށައިފިއެވެ.

ނާއިފް އޭނަގެ ވާހަކަތައް ވަހީދާ އާއި ހިއްސާކުރިއެވެ. އެމީހުން އެހެން ތިއްބާ މެންދުރު ނަމާދަށް ގޮވައިފިއެވެ. މެންދުރަށް މަސައްކަތް ހުއްޓާލާފައި އެންމެން ދިޔައީ ގެއަށެވެ. ނާއިފްވެސް ވަނީ އޭނަގެ ސެކްޝަނަށެވެ. އެމީހުން އެގޮތަށް ދިޔަކަސް ނާއިފްމެންނަކަށް ދެވޭކަށް ނޯންނާނެއެވެ. އެއީ ރަސްމީ ގަޑިކަމަށް ވާތީއެވެ.

އޮފީސް ނިމިގެން ނާއިފްއަށް ގެއަށް އާދެވުނުއިރު ހުރީ އިރުއޮއްސެން ގާތްވެފައެވެ. އަނެއްކާ އެމީހުންގެ އެދުމުގެ މަތިން މިރޭ މަސްބާނަން ދާން ޖެހެއެވެ. ނާއިފް ހެދުން ބަދަލުކޮށްގެން ދިޔައީ ކަތީބުގެ ގެއަށެވެ. އެ ދަތުރަށް ބޭނުންވާނެ ތަކެތިބަލައެވެ. އެއިރު އެގޭގައި އޮފީސް ބައެއް ކުދިން އުޅެއެވެ.

ދޯނި ރަށުން ފުރައިގެން މަޑު ދުވެއްޔެއްގައި ދަތުރު ކުރަމުން ދެއެވެ. ދޯނި ތެރޭގައި އެންމެން މަޖާކޮށް ލަވަކިޔަމުން ދެއެވެ. މާގިނަ އިރެއް ނުވަނީސް ދޯނި އޭގެ މަންޒިލަށް ދަތުކޮއްފިއެވެ. އެންމެންވެސް ފޯރީގައި ތައްޔާރުވީ މަސްބާނާށެވެ.

" އެންމެ ގިނައިން މަސްބާނާ ކުއްޖަކަށް ވަރުގަދަ އިނާމެއް އެބައޮތް " ދޯނި ތެރޭން ކުއްޖަކު ގޮވައިލިއެވެ. ދަންވަރު އެކެއް ރޭގަނޑު ބާރަ ޖަހަން ގާތްވެފައި ހުއްޓާ ދޯނި ފަޅުރަށާއި ދިމާލަށް ދުއްވަލިއެވެ. އެއީ ދަތުރުގެ ބައިވެރިން މިރޭ ތިބުމަށް ހަމަޖެއްސި ރަށެވެ. ރަށުގައި މީހުން ދިރި ނޫޅުނަސް ގެއާއި ކައްކާ ކެވޭނެ އިންތިޒާމް ވަނީ ހަމަ ޖެހިފައެވެ. ދޯނި އެރަށުގެ ފަޅުން ވަނުމާއި އެކު ގިނަ ފިރިހެނުން މޫދަށް ފުންމައިލިއެވެ. އެމީހުން ފަތާފައި ގޮސް ރަށަށް އެރީއެވެ. އެހެން މީހުން ދޯނި ކައިރިވަންދެން މަޑުކުރީއެވެ. އެންމެން ފޭބުމާއި އެކު އަންހެނުން ދުއްވައިގަތީ އެރަށުގައި ހުންނަ ޖިފުޓިގަނޑާއި ދިމާއަށެވެ. ފިރިހެނުން މަސްފިހުމުގެ ކަންތަކާއިގެންނެވެ. ނާއިފްވެސް މަސްފިހުމުގެ ކަންތަކުގައި ބައިވެރިވިއެވެ. މަސްފިހެ ނިމުމުން ނާއިފް މަސްކޮޅެއް ހިފައިގެން ހިނގައިގަތީ އެހެން މީހުންނާއި ދުރަށެވެ. ހަމަ ޖެހިލައިގެން މަސްކޮޅެއް ކާލާށެވެ. އެހެން މީހުން އައުމުގެ ކުރިންނެވެ.

" އޭ ކާކަށް ފިލާ ތި އޮތީ " ނާއިފް ކޮނޑުގައި ވަހީދާ ހިފައިލިއެވެ. ނާއިފް ދިޔައީ ސިއްސައިގެންނެވެ.

" މި އިނީ ވަހީދާގެ އިންތިޒާރުގައި " ނާއިފް ޖެހިލުމެއް ނެތި ބުނެލިއެވެ.

އެރޭގެ ބައްދަލުވުން ނިމިގެން ދިޔައީ ދެމީހުންގެ ހިތުގައި ލޯބީގެ ބިންވަޅު ނަގަމުން ގުލްޝަންގައި މާތަށް ފޮޅުވަމުންނެވެ. އަދި އެއްވެސް މީހަކަށް މިކަން ނާންގަން ދެމީހުންވެސް އެއްބަސްވިއެވެ. ދެމީހުންނަށް މަސްފިހާ ތަނަށް ދިޔައިރު އެހެންމީހުން ތިބެގެން މަޖާކުރަނީއެވެ.

" އަހަރެމެން ހީކުރީ ޖިންނި ގެންދިޔައީ ކަމަށް " އެމީހުންނާއި އަރާހަމަވިތަނާ ބުނެލިއެވެ.

" އަހަރެން މިހެން އަންނަނިކޮށް ވަހީދާއާއި ދިމާވީ. ދެން މިއައީ ވަހީދާވެސް ގޮވައިގެން " ނާއިފް ޖަވާބު ދިނެވެ.

" ދެން އުޅޭ އަވަހަށް ކާން. ކަލޭމެނަށް ވާވަރަށް މާ ފޮޅުވިއްޖެއެއް ނު ދޯ " އައިޝާ ގޮސް ވަހީދާގެ އަތުގައި ހިފައި ބިންމަތީގައި ބައިންދައިފިއެވެ. ކައި ނިމިގެން ދޯންޏަށް ތަކެތި އެރުވުމަށްފަހު އެންމެން ބޭނުންވީ ނިދާލާށެވެ. އަންހެނުން ދިޔައީ ޖިފުޓިގަނޑަށެވެ. ފިރިހެނުން ތިބީ ރުކުގެ ފަންއަޅައިގެން ބޭރުގައެވެ. ނާއިފްވެސް ނިދޭތޯ ބެލިއެވެ. މާގިނައިރެއް ނުވަނީސް ނާއިފްގެ ކައިރިން މީހަކު ހިނގާހެން ހީވެގެން ނާއިފް ވަށައިގެން ހޯދައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެއީ ވަހީދާ ސަމާސަ ކޮއްލަނީ ކަމަށް ހީކޮށް އަނެއްކާވެސް އޮށޯތެވެ. މިފަހަރުވެސް ވީ ހަމަ އެގޮތަށެވެ. ނާއިފް ތެދުވެގެން ހިނގައިގެންފިއެވެ. ވަށައިގެން ހޯދަން ފަށައިފިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ނާއިފް ބިރުގަނެއްޖެއެވެ. ދުވެފައިގޮސް އެހެން މީހުންގެ ތެރޭގައި އޮށޯވެއްޖެއެވެ.

ނާއިފަށް ހޭލެވުނީ ބަޔަކު އައިސް އޭނަގެ ގައިގާ އޮޅުލައިގަތުމުންނެވެ. ދަތުރުގެ ބައިވެރިން ނާއިފް މޫދަށް ގެންދަން އުޅެނީއެވެ. އެއިރު އިރު އަރަން ގާތްވަނީއެވެ. ނާއިފަށް އިތުރު ހަރަކާތެއް ކުރާނެ ފުރުސަތެއް ނުދީ މޫދަށް އެއްލާލައިފިއެވެ. މޫދަގައި ޖެހުމާއިއެކު ނާއިފް ދުވެފައި މޫދުން އަރައިފިއެވެ. އެއިރު ނާއިފް ހުރީ ހީކަރުވައިގެންފައެވެ. ތުރުތުރު އަޅަނީއެވެ. ނާއިފް ދިޔައީ ސައިބޯށެވެ. އެއިރު އެންމެންވެސް ސައިބުއިމުގެ ކަންތަކާއިގެން އުޅެއެވެ. އިރު އަރައިފިއެވެ. ދަތުރުގެ ބައިވެރިން ތައްޔާރުވަމުން ދިޔައީ ރަށަށް އެނބުރި ދިއުމަށެވެ. ދޯނީގެ ނަގިލި ނެގުމާއި އެކު ދޯނިތެރޭގައި މަޖާކުރަން ފަށައިފިއެވެ. އެއްބަޔަކު ބެރު ޖަހަމުންދާއިރު އަނެއްބަޔަކު ލަވަ ކިޔަމުންދެއެވެ. ރަށަށް ދޯނި ލެފުމާއި އެކު އަންހެނުން ތެލިތަށި ހިފައިގެން ރަށަށް ފޭބިއެވެ. ނާއިފްމެން ގެއަށް އައީ ހުރިހައި ކަމެއް ނިންމާލުމަށް ފަހުގައެވެ.

" އޭ ރޭގައި ކޮން ކަމެއް ހިންގާލީ " ގެއަށް އައި މަގުމަތީ ސަލީމް ނާއިފް ގާތުގައި އެހިއެވެ.

" އެއްވެސް ކަމެއް ނުވޭ. އަހަރެން އެތާގައި އޮއްވާ ވަހީދާ އައީ. ދެން މަބުނިން ހިނގާށޭ ކާން ދާން " ނާއިފް ބުނެލިއެވެ. އަނެއްކާ ސަލީމް އަށް އެމަންޒަރު ފެނުނީބާއޭ ނާއިފް ހިތަށް އެރިއެވެ. އެހެން ވެއްޖެއްޔާ އެކަން ފަޅާއަރަން މާގިނަ ވަގުތެއް ނުނަގާނެއެވެ. ނާއިފްގެ ހިތް ތެޅެމުން ދިޔައެވެ.

" އޭ މަށޭ ވަހީދާ ގޮވައިގެން ދިޔައީ. ވަހީދާ އެކަނިދާކަށް ނުކެރުނު. އަސްލު ކުރިންވެސް އަހަރެން ގާތުގައި ނާއިފްގެ ވާހަކަ ވަރަށް ދައްކާ " ސަލީމް ބުނެލިއެވެ.

" އެހެންދޯ. އެހެންވިއްޔާ ވަހީދާ އަހަރެންދެކެ ވަރަށް ލޯބިވޭ ދޯ " ނާއިފް ހުރީ ވަރަށް އުފަލުންނެވެ. އެއިރު ސަލީމްގެ ގެއާއި ހިސާބަށް އާދެވިއްޖެއެވެ. ސަލީމް ގެއަށް ވަނުމުން ނާއިފް ހިނގައިގަތީ ގެއަށް ދިއުމަށެވެ. ނާއިފްއަށް ގެއަށް އާދެވުނުއިރު ހުރީ ވަރަށް ވަރުބަލިވެފައެވެ. ފެންވަރައިލައިގެން އެނދުގައި އޮށޯވެލިއެވެ. ނާއިފަށް ހެލެވުނީ ފޯނު ރިންގްވާއަޑަށެވެ. ފޯނު ނަގައި ބަލައިލިއެވެ. އެގުޅަނީ ސަލީމެވެ. ފޯނު ބިޒީކޮއްލާފައި އަނެއްކާވެސް ނާއިފް ނިދީއެވެ. ވެފައިވާ ވަރުބަލީގެ ސަބަބުންނެވެ. އަނެއްކާވެސް ފޯނު ރިންގްވާން ފަށައިފިއެވެ. އެންމެފަހުން ނާއިފް ސަލީމްގެ ފޯނަށް ޖަވާބުދިނެވެ." އޭ ކީއްވެ ފޯނު ނުނަގަނީ. ވަހީދާ ބުނި ގުޅާލަބަލާށޯ " ސަލީމް ދިނީ ކުރުޖަވާބެކެވެ. ނާއިފްގެ ނިދިވެސް ފިލައިފިއެވެ. އަވަސްވެގަތީ ވަހީދާއާއި ގުޅާލާށެވެ. އަވަސް ކުރަން ހަދައިގެން ފޯނު ބިންމައްޗަށް ވެއްޓިއްޖެއެވެ. ބެޓްރީ އާއި ފޯނުވަކިވިއެވެ. އަވަސްކޮއްލައިގެން ފޯނުކޮއްލިއެވެ.

" ކީއްވެ ނުގުޅީ. މަ މިއިނީ ނާއިފްގެ އިންތިޒާރުގައި " ވަހީދާ ފޯނަށް ޖަވާބު ދިނެވެ.

" ނިދިފައި އޮތީ އެހެންވީމައި ނުގުޅުނީ. ސޮރީ އިނގޭ " ނާއިފް މަޢާފަށް އެދުނެވެ.

" އޯކޭ މިރޭ ހިނގާ ބައްދަލު ކޮއްލަން " ވަހީދާ ދަޢުވަތު ދިނެވެ.

" އާނ ދާނަން " ނާއިފް ހުރީ މިފަދަ ފުރުސަތެއް ނުލިބިފައެވެ.

އިޝާނަމާދުން ފޭބުމާއި އެކު ނާއިފް މިސްރާބު ޖެހީ ވަހީދާ އުޅޭ ގެއާއި ދިމާއަށެވެ. އެއިރު ދޮރާށި ދޮށުގައި ވަހީދާ ނާއިފްގެ އިންތިޒާރުގައި ހުއްޓެވެ. ދެމީހުން އެތާނގައި ތިބުމަށް ހިތްހަމައެއް ނުޖެހުނެވެ. އެހެންކަމުން ނާއިފް ވަހީދާ ގޮވައިގެން ދިޔައީ ރަށުގެ ތުނޑިއަށެވެ. ތުނޑިމައްޗަށް މިލަ ހަނދުވަރެއް ދީފައި އޮތެވެ. އެއްވެސް މީހަކު އެތާނގައި ފެންނާކަށް ނެތެވެ. ވަހީދާ ގޮސް ރާޅު ޖަހާ ހިސާބުގައި އިށީނެވެ. ނާއިފްވެސް އެތާނގައި އިށީނެވެ. މިއީ ނާއިފްގެ ހަޔާތަށް އައި އެންމެ އުފާވެރި އެއްރެއެވެ. " އަނެއްކާ ނާއިފްގެ އާއިލާ މިކަމާއި ގަބޫލު ވާނެތަ " ވަހީދާ ނާއިފްގެ ކޮނޑުގައި ބޯ އަޅައިލިއެވެ." އޯކޭ ގަބޫލު ނުވިޔަސް އަހަރެން ބޭނުން ވަހީދާ އާއި ކައިވެނި ކުރަން " ނާއިފް ބުނެލިއެވެ.

(ނުނިމޭ)